އެމްޓީސީސިން ގއ. އަތޮޅުގައި ދެމުންދާ ފެރީގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާބެހޭގޮތުން މަޝްވަރާކޮށްފި

February 17, 2020

0

އެމްޓީސީސިން ގއ. އަތޮޅުގައި ދެމުންދާ ފެރީގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން 16 ފެބްރުއަރީ 2020 ވީ އާދީއްތަ ދުވަހުގެ މެންދުރު 13:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އެމްޓީސީސީގެ މޭނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އާއި އެކުންފުނީގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމްޓީސީސީން ދެމުންގެންދާ ފެރީގެ ޚިދުމަތުގައި އަތޮޅުގެ ރައްޔިތުންނަށް ހުރި ދަތިތަކުގެ ވާހަކަ ޙިއްސާކޮށްފައިވެއެވެ. މިބައްދަލުވުމުގައި މިއަތޮޅު ކޮލަމާފުއްޓަކީ އެހެން ރަށްރަށާ އެކަހެރިކޮށް އޮންނަ ރަށަކަށްވުމުން އެރަށަށް ޚާއްސަކޮށް ފެރީއެއް ބޭއްވުމާ ބެހޭގޮތުންނާއި، ކަނޑުހުޅުދޫ ގެމަނަފުށި ކޮނޑޭއިން ވިލިނގިއްޔަށް 1 ފެރީ އަދި ދާންދޫ ނިލަންދޫ މާމެންދޫއިން ވިލިނގިއްޔަށް 1 ފެރީ ބޭއްވުމާ ބެހޭގޮތުންނާއި ވިލިނގިލިން ފެރީ ފުރާ ގަޑި މިހާރަށްވުރެ ލަސްކޮށް 15:30 ގައި ފުރާގޮތަށް ހަމަޖެއްސުމަށްވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ޕެސެންޖަރުން ގެންނަންބޭނުންވާ ސައިކަލް ފަދަ އެއްގަމު އުޅަނދު ފެރީ އިން އުފުލުމާ ބެހޭގޮތުންނާއި އަތޮޅުކައުންސިލުން ދެމުންގެންދާ ސްޕީޑް ފެރީގެ ޚިދުމަތް އެމްޓީސީސީއާ ގުޅިގެން ކުރިޔަށް ގެންދިއުމާބެހޭ ގޮތުންވެސް ދެފަރާތުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

އަދި މީގެ އިތުރުން މިއަތޮޅުގެ ރައްޔިތުން އެކިއެކި ޚިދުމަތްތައް ހޯއްދެވުމަށް ގދ.ތިނަދޫއަށް ދަތުރުކުރައްވާތީ، އަތޮޅުފެރީ ގދ.ތިނަދޫގައި ހޭދަކުރާ ވަގުތު އިތުރުކުރުމާބެހޭ ގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.