އެންސްޕާއިން ދެމުންދާ ޚިދުމަތާބެހޭގޮތުން މަޝްވަރާކޮށްފި

February 26, 2020

0

20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޒީހު އާއި އެ އެޖެންސީގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ގެމަނފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ސަޢީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި އެންސްޕާ އިން ދެމުންދާ ޚިދުމަތުގެ ތެރެއިން ބަލި މީހުންނަށް އާސަންދަ ކަވަރ ނުކުރާ ބައެއް ކޭސް ތަކުގައި އެންސްޕާގެ އެހީ ލިބުން ލަސްވަމުންދާތީއާ އެންސްޕާގެ އެހީގައި ބޭރަށްދާ ބަލިމީހުންނަށް އެހީގެ ފައިސާ ޖަމާކުރުން ލަސްވަމުންދާތީ އެކަމާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެންސްޕާގެ އެހީތެރިކަން ދިނުމުގައި އެއްވެސް ފަރާތެއް ތަފާތުނުކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް އަތޮޅުކައުންސިލުން އެދިވަޑައިގެންނެވިއެވެ.

 ކުރިޔަށްއޮތްތާނގައި ކައުންސިލްތަކާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ޚާއްސަ ޕޯޓަލް އެއް ޤާއިމުކުރުމުގެ ވިސްނުން  ގެންގުޅުއްވާކަމަށާއި، މި ޕޯޓަލް ޤާއިމްވުމުން ކުރިއެރުންތަކެއް ލިބި ހަލުއިކަމާއެކު ޚިދުމަތް ލިބިގެންދާނެކަމަށް ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ މިބައްދަލުކުރެއްވުމުގައި ވަނީ ވިދާޅުވިއެވެ.