ގއ.އަތޮޅުގައި އިސްލާމިކް ބޭންކްގެ ޚިދުމަތް ދިނުމަށް ނިންމަވައިފި

February 26, 2020

0

ގއ. އަތޮޅުގައި އިސްލާމިކް ބޭންކުގެ ޚިދުމަތް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތަކާބެހޭ ގޮތުން 20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ އަޙުމަދު ރިޒާއާ އެ ބޭންކްގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ސަޢީދުއާއި ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ އެގްޒެކިއުޓިވް ރިފާޔަތު ރަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިބައްދަލުވުމުގައި މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އިސްލާމިކް ބޭންކްގެ ޚިދުމަތް މިއަތޮޅުން ލިބިދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އޭޓިއެމްގެ ޚިދުމަތާއި، އިސްލާމިކް ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައްވެސް މިއަތޮޅުން ލިބިގެންދާނެކަމަށް ސިއީއޯ ވަނީ ވިދާޅުވެފައިވެއެވެ.

އަދި މިޚިދުމަތް ފޯރުކޮށްދިނުމުގައި އޮފީސްޖާގަ ހަމަޖެއްސުމާއި، އެހެނިހެން އެހީތެރިކަން އަތޮޅުކައުންސިލުން ފޯރުކޮށްދެއްވާނެކަމަށް އަތޮޅުކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި މިބައްދަލުވުމުގައި އަތޮޅުގައި ހިންގާ ސިނާޢީ މަސައްކަތްތަކާއި ބެހޭގޮތުންނާއި، މިއަތޮޅުގައި އިސްލާމިކް ބޭންކްގެ ޚިދުމަތް ޤާއިމުކުރުމުގެ މުޙިއްމުކަމާމެދު ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ސަޢީދުވަނީ   ވާހަކަ ދައްކަވައި މަޝްވަރާކޮށްފައެވެ.