ގއ. އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކާބެހޭގޮތުން މަޝްވަރާކޮށްފި

February 26, 2020

0

20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމް.ޑީ ސަލަފިއްޔާ އަންވަރު އާއި އެ ކޯޕަރޭޝަންގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ސަރުކާރުން ހިންގަވާ ހައުސިންގެ މަޝްރޫޢުގެ ތެރެއިން މިއަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 750 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ނުފެށި ލަސްވާތީ އެކަމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިއަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކާބެހޭ ގޮތުން ރަށްރަށުން ސާފުކުރަން ހުށަހަޅާފައިވާ މައުލޫމާތު ބައެއް ރަށްރަށުން ލިބިފައިނުވާކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ނުފެށި ލަސްވަމުންދަނީ ފައިސާ ހަމަޖެހިފައިނެތުމުގެ ސަބަބުންކަމަށާއި، އަދި ފައިސާ ހަމަޖެހުނުހާ އަވަހަކަށް މި މަޝްރޫޢު ފައްޓަވާނެކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

އަދި މިބައްދަލުވުމުގައި މި މަޝްރޫޢުގެ ދަށުން އަޅަން ނިންމާފައިވާ ހައުސިންގ ޔުނިޓްތަކުގެ ކުރެހުން އަތޮޅުކައުންސިލާ ޙިއްސާކުރެއްވިއެވެ.