ގއ. އަތޮޅުގެ ޕަބްލިކް ވާރކްސް ޔުނިޓްގެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކޮށްފި

February 26, 2020

0

މިއަތޮޅުގައި ޤާއިމުކުރެވިފައިވާ ޕަބްލިކް ވާރކްސް ޔުނިޓްގެ މަސައްކަތްތަކާ ބެހޭ ގޮތުން 20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30ގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު މިނިސްޓްރޯ އޮފް ޕްލޭނިންގ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މިއަތޮޅުގައި ޤާއިމުކުރެވުނު ޕަބްލިކް ވާރކްސް ޔުނިޓްގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް އެ މުވައްޒަފުން ވަކިވި ދުވަހާއި ހަމަޔަށް ލިބެންޖެހޭ މުސާރަ ނުލިބި ހުރި މައްސަލައާއި އެ ޔުނިޓަށް އަލުން މުވައްޒަފުން ނެގުން އަވަސްކުރުމާބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.

އަދި މިއަތޮޅު ވިލިނގިލީގެ ގެތަކަށް ފެންހޮޅި ލުމަށް ތާރަ މަގުތަކުން ކަނޑާފައިވާ ތަންތަނަށް ކޮންކްރީޓް އަޅައިގެން މަރާމާތުކުރާތީ އެތަންތަނުގައި ތާރު އެޅުމަށް ސަރުކާރުން ނިންމާފައިވާ މުއްދަތުގައި ތާރު އެޅުމުގެ މުހިއްމުކަމާމެދު މަޝްވަރާކުރެވުނެވެ. އަދި ހިއްކި ބިމާއި ވިލިނގިލީ ގުޅޭ ކޯޒްވޭ އާއި ހިއްކި ބިމުގެ މަގުހެދުމާއި ކޫއްޑޫ-ވިލިނގިލި ބްރިޖް އެޅުމުގެ ކަންކަމާބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ޕަބްލިކް ވާރކްސް މުވައްޒަފުންގެ ތެރެއިން 21 ޖެނުއަރީ 2020އާ ހަމަޔަށް ވަކިކުރި މުވައްޒަފުންގެ މުސާރަ ދޫކުރާނެކަމަށާއި، އެޔުނިޓަށް މުވައްޒަފުން ނެގުމަށް އަންނަ ހަފްތާގެ ތެރޭގައި އިޢުލާންކުރައްވާނޭކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ކޫއްޑޫ-ވިލިނގިލި ބްރިޖްގެ ސާރވޭ މިއަހަރުގެ ތެރޭގައި ކުރާނެކަމުގައިވެސްވަނީ ވިދާޅުވެފައެވެ.