ގއ ކައުންސިލާއި، ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

September 16, 2020

0

ގއ އަތޮޅު ކައުންސިލާއި، ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އާދީއްތަދުވަހުގެ މެންދުރުފަހު މިކަމަށް ޚާއްޞަކޮށްގެން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ގއ އަތޮޅުކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ސޮއިކުރައްވާފައިވާއިރު، ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފެވެ.

އެގޮތުން މިއެއްބަސްވުމުގެ ދަށުން ސިއްހީ، ތައުލީމީ، އިޖުތިމާއީ، އިގުތިސާދީ، ކުޅިވަރު، ޓުއަރިޒަމް އަދި ދަތުރުފަތުރު ކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެމްއޯޔޫގެ ސަބަބުން، ކުރިޔަށްއޮތް ތާނގައި ދެކައުންސިލްގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެއަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ލިބި އެކި ދާއިރާތަކުން ކުރިއެރުންތައް ލިބިގެންދާނެ އެވެ.

 “ސިސްޓަރ ސިޓީ ކޮންސެޕްޓް” ގެ ދަށުން އެކުލަވާލެވުނު މި އެމްއޯޔޫގެ އަމާޒަކީ ދެއަތޮޅުގެ ދެމެދު އިގުތިސާދީ ގުޅުން ވަރުގަދަކޮށް، ޒަމާންވީ ގުޅުންތައް އެކި ދާއިރާތަކުން ބަދަހިކޮށް އެއްބާރުލުން ދިނުން ކަމަށެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައި މިވަނީ ގއ އަތޮޅު ކައުންސިލުން މިމަހުގެ 11 އިން 14ށް ފުވައްމުލައް ސިޓީއަށް ކުރަމުންދާ ތަޖުރިބާ ދަތުރުގެ ތެރެއިންނެވެ. މިދަތުރުގައި ދެކައުންސިލްގެ ބޭފުޅުން ބައްދަލުކޮށް ދެކައުންސިލް ގުޅިގެން ކުރިޔަށް ގެންދެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، ދެ އަތޮޅުގެ ރައްޔިތުން އެކި ބޭނުން ތަކަށް ދެ އަތޮޅަށް ޒިޔާރަތްކުރާއިރު، ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދެ އަތޮޅު ދެމެދުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި މަޝްވަރާކުރެވިފައި ވެއެވެ.