Home | Islands | Atoll Office | News & Information | ޚަބަރާއި މަޢުލޫމާތު | އަތޮޅު އޮފީސް | ރަށްތައް | ފުރަތަމަ ޞަފުޙާ
 
އަތޮޅުގެ އާސާރީ މުހިއްމު މައުލޫމާތު
 
ގއ. ކޫއްޑޫ
ވިލިނގިލީގެ ދެކުނުން އޮންނަ ކޫއްޑޫއަކީ މިހާރު ރާއްޖޭގައި އޮތް މަސްވެރިކަމުގެ އެންމެ ބޮޑު ސިނާއަތުގެ ރަށެވެ. 1996 ވަނަ އަހަރުން ފެށިގެން މިފްކޯގެ މަސްފިނިކުރާ ކާރުޚާނާ ގާއިމް ކުރެވި ރެއާއި ދުވާލު އެތަކެއް ސަތޭކަ ޓަނުގެ މަސް ގަނެ ރައްކާކޮށް އަދި ފެލިވަރަށާއި ރާއްޖެއިން ބޭރަށް މަސް ބޭރުކުރެއެވެ . ނަމަވެސް މި ބޮޑު ރަށުގެ ތާރީޚަށް ބަލާލާއިރު މިއީ ހައިރާން ކުރުވަނިވި ރަށެކެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރުގެ ކުރިން ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވަރަށް ބޮޑު އާބާދީއެއް އޮތް ރަށެކެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ޒުވާން ފުރާވަރުގެ އަންހެންކުއްޖަކު ލިބާސް ލެވުނު ދުވަހެއްގެ ހަވީރު މިރަށުގެ އަތިރިއަށް 140 ފުރާވަރުގެ ވައަތްތެރިން އެކުއްޖާއާއިއެކު ކުޅިވަރުގައި ބައިވެރިވުމަށް ނުކުތްކަމުގައި ބުނެއުޅެއެވެ. މީހުން ދިރިއުޅުނުކަމުގެ އަސަރުތައް މިހާރުވެސް އެރަށުން ފެންނާން އެބަހުއްޓެވެ. މީހުން ދިރިއުޅުނު ގެތަކުގެ ބިންގަލެވެ. މިސްކިތްތަކާއި ބޮޑެތި ފެން ވަޅެވެ. ގަބުރުސްތާނުތަކެވެ. ކޫއްޑޫއިން މީހުން ފައިބާ އެރަށް ފަޅުރަށަކަށް ވާންޖެހުނު ސަބަބެއްގެ ގޮތުގައި ކުދި ފިޔޮއްތަކާއެކު ކުކުޅެއް ފެނުން ކަމުގައި ބުނެއެވެ. މިކުކުޅު ފެންނަން ފެށުމުން މީހުންތައް އާދަޔާއި ޚިލާފު ގިނަ އަދަދަކަށް މަރުވަމުން ދިޔަކަމަށާއި ނަތީޖާއެއްގެ ގޮތުން މިކަންތައް ބޮޑުވެ ބާކީތިބި މީހުން ރަށުން ފޭބީ ކަމުގައި ވެއެވެ.
 
ހިތާދޫ
ހުވަދު އަތޮޅުގެ އުތުރު ބިތުގައި ކޮލަމާފުށީގެ އިރުން އޮންނަ ހިތައިދޫ އަކީ ރާއްޖޭގައި އޮތް ހޯރަ އަރާ ދެރަށުގެ ތެރެއިން އެންމެ މުހިއްމު އަދި ފާހަގަކޮށްލެވޭ ރަށެވެ. މިރަށަކީ ރާއްޖޭގެ އެހެން ރަށްރަށާއި ވެށީގެ ގޮތުން މުޅިން ތަފާތު ރަށެކެވެ. އެހެން ރަށްރަށާއި އަޅާބަލާއިރު ބިންގަނޑު އުސް މިރަށް ފުރިފައިވަނީ ބޮޑެތި ޅޮސްގަހުންނެވެ. މިހާރު ރުކެއްގެ އަސަރު ފެންނަން ނެތްނަމަވެސް ތާރީޚްތަކުން އެނގޭ ގޮތުގައި މިރަށަކީ މީގެ އެތައް ސަތޭކަ އަހަރުގެ ކުރިން ގިނަ އަދަދަކަށް ރުށް ހުރި ރަށެކެވެ. ރާއްޖޭގެ ދެކުނުގައި އޮންނަ ހޯރައިގެ ހަމައެކަނި މިމަންޒިލް ފަޅުފިލުވާލެވިފައިވަނީ ރެއާއި ދުވާލު ރަށުގައިވާ ބިޔަ ގަސްތަކާއި ރަށުގެ އުދަރުގައި ލަވަކިޔަމުންދާ ތަފާތު ވައްތަރުގެ ހޯރައިންނެވެ. މިރަށަކީ މިހާރު ސަރުކާރުން ޚާއްސަގޮތެއްގައި ހިމާޔަތް ކޮށްފައިވާ ރަށެކެވެ.
 
ދެއްވަދޫ ރަސްގެފާނު
ދެއްވަދޫ ރަސްގެފާނު ނުވަތަ އައްސުލްތާނު މުހައްމަދު އަލީ ހާޖީ ގެ ނަމުން މަޝްހޫރު ރަސްކަލަކު މީގެ 315 އަހަރުގެ ކުރިން ދެއްވަދޫގައި އުޅުއްވި ކަމަށް ވެއެވެ. އެރަސްގެފާނު ތާރީޚަށް ދޫކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ދެއްވަދޫއިން މިހާރު ފެންނަ ހުރި ހަމައެކަނި ތަނަކީ އެ ރަސްގެފާނު ބިނާކުރެއްވި މިހާރުގެ ނަމުން ނަމަ ދެއްވަދޫ އާޘާރީ މިސްކިތެވެ. މި އިމާރާތް ބިނާކުރެވިފައިވަނީ ހިޖުރައިން 1112 ވަނަ އަހަރުގެ ޝައުބާން މަހުގެ ތެރޭގައެވެ. މިއީ މީގެ ކުރިން ދެއްވަދޫ ހުކުރު މިސްކިތްވެސް މެއެވެ. 1985 ވަނަ އަހަރުން ފެށިގެން މި މިސްކިތުގައި ނަމާދުކުރަމުން ގެންދަނީ އަންހެނުންނެވެ.