Oct 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 74 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 74 ވަނަ ޖަލްސާ  26 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 74 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި،74  ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން  ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކަކީ:-

1-      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ބެހޭގޮތުން މަޝްވަރާކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތާއިގުޅިގެން އަތޮޅު އިލެކްޝަން ކޮމިޓީގައި ހިމެނުމަށް ގއ. އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އާއި، ގއ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ސައިދާއި، ވިލިނގިލީ ކަސްޓަމްގެ ސީނިއަރ ކަސްޓަމް އޮފިސަރ މަސީހު ޢަލީ ހަމަޖެއްސުމަށް ކައުންސިލްގެ އިއްތިފާގުން ފާސްކުރެވުނު. އަދި ރަށް ރަށުގެ އިލެކްޝަން ކޮމިޓީގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ނިންމުނު.

2-      މިނިސްޓްރީ އޮފް ފިޝަރީޒް އިން އަންގަވާފައިވާ ރުއްދަނޑުތަކެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް، މިނިސްޓްރީ އޮފް ފިޝަރީޒުން ހިންގުމަށް ހަމަޖެހިފައިވާ ފަޅުރައްތަކުގައި ރުއްތައް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މި އަތޮޅު ކެދެރާ، ފަހެލާ، މެދެރެހާ، ދިޔަދޫ، ފުނަދޫ، ބޮޑުހުއްޓާގައި ރުއްތައް އިންދުމަށް ހަމަޖެއްސެވި. އަދި މި ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންތައްތައް  އިޤްތިޞާދީ ކޮމިޓީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމުނު.

3-      ދިޔަދޫ ނައިޓްހައުސް ހުސައިން އަބޫބަކުރު ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން މަޝްވަރާކޮށް، ރަށްވެހިކަން ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ދިޔަދޫ ނައިޓްހައުސް ޙުސައިން އަބޫބަކުރަށް ގެމަނަފުށިން ގޯއްޗެއް ހަމަޖައްސަވައި ދެއްވުމަށް އެދި ގެމަނަފުށީ ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުއްވުމަށް. އަދި ދިޔަދޫ މީހުންނަށް ގެމަނަފުށީގައި އިމާރާތްކުރާ ގެތަކުގެ ތެރެއިން ޙުސައިން އަބޫބަކުރަށް  ގެއެއް ލިބޭތޯ މިނިސްޓްރީ އޮފް ހައުސިންގ ގައި ދެންނެވުމަށް ނިންމުނު.

4-      ޓްރާންސްޕޯރޓްން ދޭ ޚިދްމަތް ތަކާއިބެހޭ ގޮތުން މަޝްވަރާކޮށް، މިއިދާރާގައި ޓްރާންސްޕޯރޓްގެ ޚިދުމަތްދޭ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް އޮތްތާނގައި ރަގަޅު ކުރުމަށް މަސައްކަތް ކުރެއްވުމަށް ނިންމުނު، އަދި މުވައްޒަފުންގެ ފަރާތުން ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަމާއިބެހޭ ގޮތުން ކައުންސިލްގެ ރައީސް، ޒިންމާދާރުވެރިޔާ، އަދި އެކަމެއް ދިމާވި ކައުންސިލަރުގެ ހާޒިރުގައި އެ މުވައްޒަފަކާއެކު ވާހަކަ ދެއްކުމަށް ނިންމުނު.

5-      އޯކިޑް ލޯންޗުން ކުރާ ދަތުރުތަކާބެހޭގޮތުން މަޝްވަރާކޮށް، އޯކިޑް ލޯންޗް ސެޕްޓެމްބަރ މަހު ދަތުރު ކުރިގޮތުގެ ރިޕޯޓް ދެން އޮންނަ ބައްދަލުވުމަކަށް ހުށަހެޅުމަށް ނިންމުނު.

6-      ކުދި ޕްރޮޖެކްޓްތަކަށް އެދި ރަށްރަށުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލް ތަކާމެދު މަޝްވަރާ ކޮށް،ކުދި ޕްރޮޖެކްޓަށް އެދި ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ކައުންސިލަރ އާމިރު ޢަލީ ބެލުމަށްފަހު، މިކަމާއި މެދު ގޮތެއް ނިންމުމަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު  ހުންނެވީ މާލޭގައެވެ.