Oct 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ޖަލްސާ  16 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 76 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި،72،74 ވަނަ ޖަލްސާގެ ޔަވްމިއްޔާ ފާސްކުރުމާއި، 76 ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 6 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކަކީ:-

1-      2012 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ވިލިނގިލީގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާތީ އެކަމާއި މެދު މަޝްވަރާކޮށް، މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ވިލިނގިލީ ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކުގައި އެއިދާރާއިން އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އެދިވަޑައިގެންފިނަމަ އެކަންކަމުގައި އިދާރާގެ ފަރާތުން އެއްބާރުލުން ދެއްވުމަށް ނިންމުނު.

2-      މިއޮފީހުގެ ކާރު ނީލަން ކިޔާފައިވާތީ އެކަމާއި މެދު މަޝްވަރާ ކޮށް،     ކާރުގެ ނީލަން ކާމިޔާބު ކޮށްފައިވާ ފާސްޓް ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް އަންގަވާފައިވާ މުއްދަތު 17 އޮކްޓޯބަރ 2012 ވަނަ ދުވަހަށް ހަމަވާތީ، އެފައިސާ އެމުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެކަމާއި ބެހޭގޮތުން އިތުރަށް ބައްދަލުވުމުގައި ވާހަކަ ދައްކާ މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށް ނިންމުނު.

3-      މި އިދާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިއުލާން ކުރުމުން ލިބިފައިވާ އެސްޓިމޭޓް ތަކާބެހޭގޮތުން މަޝްވަރާ ކޮށް، އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ލިބިފައިވާ އެސްޓިމޭޓްތައް ބޮޑުކަމަށް ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާތީ އަލުން އިޢުލާން ކުރުމަށް ނިންމުނު.

4-      ކޮނޑޭ މިސްކިތް މަރާމާތް ކުރުމަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ފައިސާ ދިނުމާއި މެދު މަޝްވަރާ ކޮށް، ކޮނޑޭ މިސްކިތު މަރާމާތް  ކުރުމަށްޓަކާ މިއިދާރާއިން ދިނުމަށް ހަމަޖެހިފައިވާ ފައިސާ ކޮނޑޭ ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކުރުމަށް ނިންމުނު.

5-      ދަތުރު ފަތުރުގެ ނިޒާމާއި ގުޅިގެން ރައްޔިތުންނަށް އޮޅުންއަރާ ކަންތައްތައް ހުރުމާއެކު އެކަމާއި ބެހޭގޮތުން މަޝްވަރާ ކޮށް، ދަތުރު ފަތުރުގެ ނިޒާމުގެ ކަންތައްތައް މިހާރު ހިނގަމުންދާ ގޮތާއި ބެހޭގޮތުންނާއި  އަދި  މިކަމުގައި  ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަށް ފާހަގަކޮށް މިއަދު ( 16 އޮކްޓޯބަރ 2012 ) ވަނަ ދުވަހު 13:30 ގެ ކުރިން ރައީސުލް ޖުމުޙޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވުމަށް. އަދި މިކަންތައްތައް އިސްލާޙު ނުކުރެވިއްޖެނަމަ ކައުންސިލާއި ޓްރާންސްޕޯރޓް މިނިސްޓްރީއާއި ދެމެދު ދަތުރުފަތުރުގެ ނިޒާމް މޮނިޓަރކުރުމަށް ވެވިފައިވާ އެއްބަސްވުން އުވާލާ އެކަން އާއްމުކުރުމަށް ނިންމުނު.

6-      ލިލީ ލޯންޗް މަރާމާތް ކުރުމަށް އެދި ހުށަހަޅުއްވާފައިވާ އެސްޓިމޭޓް ތަކާއިބެހޭގޮތުން މަޝްވަރާކޮށް، ލިލީ ލޯންޗްގައި ކުރަންޖެހޭ މަރާތުގެ މަސައްކަތް ކުރުމަށް ހޯދިފައިވާ 3 އެސްޓިމޭޓްގެ ތެރެއިން އެންމެ ކުޑަކޮށް އަގު ހުށަހަޅުއްވާފައިވާ ގއ. ވިލިނގިލީ ޒަމާނީވިލާ އަޙުމަދު މުޙައްމަދާއި އެމަސައްކަތް ޙަވާލުކުރުމަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް، އަތޮޅުކައުންސިލަރ އަލްފާޟިލް ޢާމިރު ޢަލީ ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅު ކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް ހުންނެވީ ދާންދޫގައެވެ. އަތޮޅުކައުންސިލަރ އަލްފާޟިލް ޢާމިރު ހުންނެވީ އަހަރީ ޗުއްޓީގައި މާލޭގައެވެ.