Oct 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 77 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 77 ވަނަ ޖަލްސާ  23 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 77 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި،76,73 ވަނަ ޖަލްސާގެ ޔަވްމިއްޔާ ފާސްކުރުމާއި، 77 ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 6 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކަކީ:-

1-      ދިޔަދޫ މީހުނަށް ގެމަނަފުށީގައި އަޅާ 5 ގެ މަރާމާތް ކުރުމަށްޓަކައި ޙަވަލުކުރެވިފައިވާ ކޮންޓްރެކްޓަރ ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މަޝްވަރާކޮށް، ގެމަނަފުށީގައި އިމާރާތްކޮށް މަސައްކަތް ނިންމަމުންދާ 5 ގޭގެ މަސައްކަތް ހިނގަމުންދާގޮތާއި، އެމަސައްކަތުގެ ކޮންޓްރެކްޓާއި ގޭގެ ވެރިފަރާތް ތަކާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް އީދު ބަންދު ތެރޭގައި ގެމަނަފުއްޓަށް ދަތުރެއް ކުރެއްވުމަށް ނިންމުނު.

2-      ދިޔަދޫ މީހުނަށް ގެމަނަފުށީގައި އަޅާ 5 ގެ އަށް ބޭނުންވާ މެއިން ކޭބަލް ހޯދުމަށް ކޮންޓްރެކްޓަރ އެދިފައިވާތީ އެކަމާއި ބެހޭގޮތުން މަޝްވަރާ ކޮށް، ގެމަނަފުށީގައި އިމާރާތްކޮށް މަސައްކަތް ނިންމަމުންދާ 5 ގޭގެ މަސައްކަތް ބެލުމަށް ގެމަނަފުއްޓަށް ކުރާ ދަތުރުގައި ކޭބަލް އެޅުމާއި ބެހޭގޮތުން ކޮންޓްރެކްޓާއި ވާހަކަ ދެއްކުމަށް ނިންމުނު.

3-      އަތޮޅު ކައުންސިލްގެ ކާރު ނީލަމުން ނަގާފައިވާ ފަރާތުން ފައިސާ ދައްކަފައި ނުވާތީ އެކަމާއި މެދު މަޝްވަރާ ކޮށް، ކާރުގެ ނީލަމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނައަށް އެންމެ ބޮޑުކޮށް އަގު ހުށަހަޅުއްވާފައިވާ ފަރާތާއި ވާހަކަ ދެއްކުމަށްފަހު، އެ ފަރާތުން ކާރު ނެގުމަށް ބޭނުންވާނަމަ، އެކަން އެގޮތަށް ކުރެވޭނެތޯ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މަޝްވަރާ ކުރުމަށް ނިންމުނު.

4-      މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ފޮނުވާފައިވާ ސިޓީ އާއި ގުޅިގެން މަޝްވަރާ ކޮށް،  08 ނޮވެމްބަރ 2012 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސްޓޭކް ހޯލްޑަރ ވާރކް  ޝޮޕްގައި އިދާރާގެ ފަރާތުން ކައުންސިލްގެ ރައީސް ހާރޫނު ރަޝީދު ބައިވެރި ކުރެއްވުމަށް ނިންމުނު.

5-      ކޫއްޑޫ ގެ ފެރީ ކުރުމަށް އަތޮޅު ދޯނި ހޯދުމަށް އެދިފައިވާތީ އެކަމާއި ގުޅިގެން މަޝްވަރާ ކޮށް، އިދާރާއަށް ގެއްލުން ނުވާނެ ގޮތަކަށް އެސްޓިމޭޓް ހެދުމަށްފަހު، އަގު ހުށަހެޅުމަށް ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ އާއި ޙަވާލުކުރުމަށް ނިންމުނު.

6-      ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން  ހިންގުނު ޓްރައިނިންގ ޕްރޮގްރާމް ނިމިގެންދިޔަ ގޮތުގެ ތަފްޞީލް ކައުންސިލާއި ހިއްސާ ކުރައްވަމުން       ދަނޑުވެރިކަމުގެ  ޕްރޮގްރާމް  ވަރަށް ފުރިހަމަ ކަމާއެކު ނިންމާލެވިފައިވާތީ، އެޕްރޮގްރާމް ހިންގުނު ރަށްރަށުގެ ކައުންސިލްތަކުން ދެއްވި އެއްބާރުން ފާހަގަކޮށް، ޝުކުރު ދަންނަވައި އެ އިދާރާތަކަށް ސިޓީއެއް ފޮނުއްވުމަށް. އަދި ފިޝަރީޒް މިނިސްޓްރީން މިޕްރޮގްރާމް ހިންގުމަށްޓަކައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، ފިޝަރީޒް މިނިސްޓަރަށާއި، މުވައްޒަފުންނަށް ޝުކުރު ދަންނަވައި ސިޓީއެއް ފޮނުއްވުމަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް، އަތޮޅުކައުންސިލަރ އަލްފާޟިލް ޢާމިރު ޢަލީ ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅު ކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް ހުންނެވީ ދާންދޫގައެވެ. އަތޮޅުކައުންސިލަރ އަލްފާޟިލް ޢާމިރު ހުންނެވީ އަހަރީ ޗުއްޓީގައި މާލޭގައެވެ.