Oct 12th

ވިލިނގިލީ އަންހެން ވޮލީޓީމު ބަލިކޮށް ކޮނޑޭ އަންހެން ވޮލީޓީމު ކުރިޔަށް ޖެހިލައިފި

މިހާރު ކުރިޔަށް ދާ އެސް.ޓީ.އޯ ނޫފަހި ގއ. އަތޮޅުވޮލީ މުބާރާތުގައި ގއ. ވިލިނގިލީ އަންހެން ޓީމާއި ގއ. ކޮނޑޭ އަންހެން ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ކޮނޑޭޓީމު ކުރިޔަށް ޖެހިލައިފި އެވެ.

މި މުބާރާތުގައި އަންހެން ޓީމުތައް ބައިވެރިކޮށްފައިވަނީ، ގއ. ވިލިނގިއްޔާއި، ކޮނޑެއާއި، ގެމަނަފުށްޓާއި ކަނޑުހުޅުދޫންނެވެ. މި މުބާރާތުގެ ފިރިހެން ގޮފީގެ މެޗްތައް މިހާރު ނިމިފައިވާއިރު، ޗެމްޕިއަންކަން ހޯދާފައިވަނީ ގއ. ގެމަނަފުށީ ފިރިހެން ޓީމެވެ.

މިއީ، ގއ. އަތޮޅުކައުންސިލާއި ގއ. ގެމަނަފުށީ ކައުންސިލުން އިސްނަންގަވައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް އެސްޓީއޯ ނޫފަހި ބްރޭންޑްއިން ސްޕޮންސަރ ކޮށްފައިވާއިރު، ރޮބިންސަން ކްލަބް މޯލްޑިވްސް (ފުނަމައުއްޑޫ ރިސޯޓް) އާއި ދަ ރެސިޑެންސް މޯލްޑިވްސް (ފަޅުމާފުށި ރިސޯޓް) އިން ވެސް ވަނީ މި މުބާރާތަށް ސްޕޮންސަރުންގެ ގޮތުގައި އެހީ ވެދެއްވާފަ އެވެ.

މި މުބާރާތް ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަމުން ގެންދަވަނީ ގއ. ގެމަނަފުށީ ރައްޔިތުންނެވެ.