Nov 26th

ގއ. އަތޮޅުކައުންސިލުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއާ ބައްދަލުކޮށްފި

ގއ. އަތޮޅުކައުންސިލުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާ ބައްދަލު ކޮށްފި އެވެ. 26 ނޮވެމްބަރ 2014 ގައި ކޫއްޑޫގައި ބޭއްވި މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ކައުންސިލަރުންގެ ވަފުދުގައި ރައީސްގެ އިތުރުން ކައުންސިލްގެ ހަތަރު މެމްބަރަކު ބައިވެރިވެ ވަޑައިގަތެވެ.  ކޫއްޑޫގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޓީމުގައި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޞްޠަފާ ޖަމީލުގެ އިތުރުން ކޫއްޑޫގެ ސީނިއަރ މެނޭޖްމަންޓުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި، މި އަހަރު ގއ. އަތޮޅުކައުންސިލުން އަތޮޅުފެންވަރުގައި ފާހަގަ ކުރަން ނިންމަވާފައިވާ މަސްވެރިންގެ ދުވަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ކޫއްޑޫއަށް އެރުވި އެވެ. މި ޙަރަކާތުގައި ކޫއްޑޫން އެހީތެރިވެވިދާނެ ދާއިރާތައް އަތޮޅުކައުންސިލުން ކޫއްޑޫއަށް ހުށަހެޅުން ވެސް މި ބައްދަލުވުމުގައި ކުރިޔަށް ދިޔަ އެވެ.

އަތޮޅުކައުންސިލާއި ކޫއްޑުއާ ދެމެދު މިހާރަށްވުރެ ގާތް ހަރުދަނާ ގުޅުމަކާ އެއްބާރުލުމެއް ބޭއްވުމުގެ މައްޗަށް ދެފަރާތުން ވެސް ވާހަކަ ދައްކައި މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން އަތޮޅުގައި ދޭ ފެރީގެ ފެެންވަރު މަތިކުރުމާއި، މުދާ އުފުލުމުގައި ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ދެފަރާތުން މަޝްވަރާ ކުރެވުނެވެ.