Mar 01st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 45 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 45 ވަނަ ބައްދަލުވުން 02 ފެބްރުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

45 ވަނަ ބައްދަލުވުންގެ އެޖެންޑާ ފާސްކުރުން.

ބައްދަލުވުމުގެ އެޖެންޑާއަށް އެއްވެސް އުނިއިތުރެއް ގެންނަވަން ބޭނުންފުޅުތޯ ރިޔާސަތުން އެއްސެވުމުން، އެއްވެސް ކައުންސިލަރަކު އުނި އިތުރެއް ހުށަހަޅުއްވާފައެއް ނުވެ އެވެ. ދެން ރިޔާސަތުން ވިދާޅުވީ، އެޖެންޑާގައި ނާއިބްރައީސް މުޙައްމަދު ޚަލީލު ހުށަހަޅުއްވާފައިވާ، ލޯންޗް ޑްރައިވަރާމެދު ގޮތެއް ނިންމުމުގެ މައްސަލަ، (ނާއިބްރައީސް ބައްދަލުވުމުގައި ވަޑައިގެން ނެތުމާއި، މި މައްސަލަ ހުށަހެޅުއްވި ސަބަބެއް އެހެން ކައުންސިލަރުންނާ ޙިއްޞާ ކުރައްވާފައި ނުވާތީ) އެޖެންޑާއިން އުނިކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މި ކަމާބެހޭ ގޮތުން ކައުންސިލަރ މުޙައްމަދު ސަވާދު ވިދާޅުވީ، ބައްދަލުވުމުގެ މެދުތެރެއިން ނާއިބު ރައީސް ވެސް ބައްދަލުވުމަށް ވެދެވަޑައިގެންފާނެތީ، އެ އައިޓަމް އޮތް ގޮތަށް ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ކައުންސިލަރ އަޙްމަދު ސަޢީދު ވިދާޅުވީ، އެ އައިޓަމާ ހަމަޔަށް ދާއިރު ނާއިބްރައީސް ވަޑައިގެން ނެތްނަމަ، އެ އައިޓަމް އުނިކުރެއްވުމުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މިހާރު އޮތް ގޮތަށް އެޖެންޑާ ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ކައުންސިލަރުންގެ އިއްތިފާޤުން އެޖެންޑާ ފާސްކުރެވުނު.
އަތޮޅުކައުންސިލުން ރަށްރަށަށް ކުރާ ޒިޔާރަތުގެ ޕްރޮގްރާމާއި ބަޖެޓް ފާސްކުރުން
މިކަން ނިންމެވީ: ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާއިރު ހިއްސާކުރައްވާނެ ކަންތައްތަކާބެހޭ ގޮތުން ނުރަސްމީ ބައްދަލުވުމެއްގައި މަޝްވަރާކޮށް ވާހަކަ ދެއްކުމަށް.
އިންޝުއަރެންސާބެހޭ ވިޔަފާރި ކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރާނެ ނަމެއް ފާސް ކުރުން
މިކަން ނިންމެވީ: މި ވިޔަފާރިއަށް ނަމެއް ދިނުމަށްޓަކައި ކައުންސިލްގެ އިދާރީ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ނަމެއް ހުށަހެޅުމުގެ ފުރުޞަތު މި ހަފުތާގެ ނިޔަލަށް ހުޅުވައި ލައްވާފައި ބޭއްވުމަށް. އަދި މި ގޮތުން ކައުންސިލަރުންނަށާއި، އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ނަން ހުށަހަޅާނެ ޝީޓެއް ތައްޔާރުކޮށް ފޮނުވުމަށް.
އޯކިޑް ލޯންޗް ޑްރައިވަރާމެދު ގޮތެއް ނިންމުން
މިކަން ނިންމެވީ: އޭނާ މިހާތަނަށް ކޮށްފައިވާ ކަންތައްތަކުގެ މައްޗަށް (ޕެޓްރޯލާމެދު ސިއްރު ގޮތްގޮތަށް ޢަމަލުކުރާކަމާއި، ބައެއް ދަތުރުކޮށްފައި ފައިސާ ނެގުމަށްފަހު ފައިސާ އިދާރާއަށް ދައްކާފައިނުވާ ކަމާއި، އަދި ލޯންޗްގައި އަމިއްލަ ދަތުރުކޮށްފައިވާކަމާއި، މި ކަންކަމާ ގުޅިގެން ވަރަށް ގިނަފަހަރަށް އަނގަބަހުން ނަސޭހަތް ދެވިފައިވާކަމާއި ނަމަވެސް އަދިވެސް އެ ކަންކަން އިސްލާޙް ނުވާކަން ފާހަގަކޮށް، އިބްރާހީމް ރިފާޝްއަށް ލިޔުމުން ނަސޭހަތް ދިނުމަށް. އަދި ހަމަ އެއާއެކު ކޮންޓްރެކްޓަށް ލޯންޗް ޑްރައިވަރަކު ހޯދުމަށް އިޢުލާން ކުރުމަށް .