Mar 01st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 48 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ  48 ވަނަ ބައްދަލުވުން 24 ފެބްރުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

 

48 ވަނަ ބައްދަލުވުންގެ އެޖެންޑާ ފާސްކުރުން.

 

                                       ބައްދަލުވުމުގެ އެޖެންޑާއަށް އެއްވެސް އުނިއިތުރެއް ގެންނަވަން ބޭނުންފުޅުތޯ ރިޔާސަތުން އެއްސެވުމުން، ކުރީގެ ރައިސް މުޙައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން މިހާރު ސިޔާސީ މަޝްރަހު ހުރިގޮތާއި ބެހޭގޮތުން ކައުންސިލުން ނޫސްބަޔާނެއް ނެރުމާއި ބެހޭގޮތުގައި މަޝްވަރާ ކުރުމަށް ރައިސް ޙުސައިން އާދަމް ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާ ކުރުމަށާއި، ކައުންސިލަރުން ސަލާމު ބުނުމުގެ ކަންތައްތައް ކުރިއަށް ގެންދަންވީ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ކައުންސިލަރ މުޙައްމަދު ސަވާދު ހުށަހަޅުއްވާފައިވާތީ އެކަން އެޖެންޑާ ކުރުމަށްފަހު، އެޖެންޑާ ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން ކައުންސިލަރުންގެ އިއްތިފާޤުން އެޖެންޑާ ފާސްކުރެވުނު.

46 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

މިކަން ނިންމެވީ:           ޔައުމިއްޔާ ފާސްކުރުމަށް ރިޔާސަތުން ހުށަހެޅުން ޔައުމިއްޔާ އަށް އުނިއިތުރެއް އެއްވެސް ކައުންސިލަރަކު ހުށަހަޅުއްވާފައިނުވާތީ 46 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނު.

އަތޮޅުގޭގެ ބާ އިމާރާތް އެއްބަސްވުމެއްގެ ދަށުން ވިލިނގިލީ ކައުންސިލް އިދާރާއަށް ދޫކޮށްދެއްވުމަށް އެދި ވިލިނގިލީ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ސިޓީއާއިބެހޭގޮތުން މަޝްވަރާ ކުރުމަށް.

މިކަން ނިންމެވީ:           ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށާއި، ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގާ ކޯސްތައް ހިންގުމަށްޓަކާ އަތޮޅު ކައުންސިލާއި، ވިލިނގިލީ ކައުންސިލާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން  1 އަހަރު ދުވަހުގެ މުއްދަތަށް އަތޮޅުގޭ ބާ އިމާރާތް ވިލިނގިލީ ކައުންސިލާއި ޙަވާލުކުރުމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ގއ.އަތޮޅުތަޢުލީމީމަރުކަޒުގެ އިންޓަހައުސް އެތްލެޓިސްމީޓަށް ސްޕޮންސާގެ ގޮތުގައި އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް އެދި ހުށަހަޅުއްވާފައިވާތީ އެކަމާއި ބެހޭގޮން މަޝްވަރާ ކުރުމަށް.

 މިކަން ނިންމެވީ:         ރަށްރަށުގެ ސްކޫލްތަކަށް އަމާޒުކޮށް އަތޮޅު ކައުންސިލުން މިއަހަރު ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކާއި، ރަށްރަށުގެ ސްކޫލްތަކަށް އެހީގެ ގޮތުގައި ފައިސާދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ ތަފްޞީލާއެކު ރަށްރަށުގެ ސްކޫލްތަކަށް ސިޓީއެއް ފޮނުއްވުމަށް.

އޯކިޑް ލޯންޗަށް ޑްރައިވަރަކު ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އެކަމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ މަޢުލޫމާތު   ކައުންސިލާއި ހިއްސާކޮށް އެކަމަށް މީހަކު ކަނޑައެޅުން

 މިކަން ނިންމެވީ:           ލޯންޗްގެ ޑްރައިވަރު ކަމުގެ މަޤާމަށް އެދި ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ އަދި ލޯންޗް ދުއްވުމުގެ ގިނަދުވަހުގެ ތަޖުރިބާ ލިބިފައިވާ ލިބިފައިވަނީ ފަރާތަކީ އަސްކަނި ޟަމީރު މޫސާ އަށް ކަމަށްވާތީ އޭނާއަށް ވަޒީފާ ހަމަޖެއްސުމަށް ފެނިވަޑައި ގަންނަވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅު ގުރުއާން މުބާރާތުގެ ބަޖެޓް ފާސްކުރުން

 މިކަން ނިންމެވީ:         ގުރުޢާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގެމަނަފުށީގައި ކަމަށްވާތީ، ބަޖެޓާއި ބެހޭގޮތުން    ގެމަނަފުށީ ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު، ބަޖެޓް ފާސްކުރުމަށް ހުށަހެޅުމަށް.

ފުވައްމުލަކު ދަތުރުގެ ބަޖެޓް ފާސްކުރުން

 މިކަން ނިންމެވީ:          އަތޮޅު ކައުންސިލަރުން ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޚަރަދަށްވާ -/29990 ރުފިޔާގެ ބަޖެޓް ފާސްކުރުމާއި މެދު އިޢުތިރާޟެއް ނެތްކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ސިޔާސީ މަސްރަހާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމާއި ބެހޭގޮތުން މަޝްވަރާ ކުރުން

 މިކަން ނިންމެވީ:          ސިޔާސީ މަސްރަހު މިހާރު ކުރިއަށް  ދާގޮތާއި  އަދި ކުރީގެ ރައީސް  މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި އޭނާ ހައްޔަރުކޮށްފައިވާތީ، އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރުމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ކައުންސިލަރުން ސަލާމު ބުނުމުގެ ކަންތައްތައް ކުރިއަށް ގެންދަންވީ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް

މިކަން ނިންމެވީ:           ކައުންސިލަރުން ގަޑިޖެހޭ ގަޑިއާއި،  އޮފީހަށް  ނާންނަ  ދުވަސްދުވަހު  މުސާރަ  ކެޑުމާއި ބެހޭގޮތުން ކައުންސިލްގެ ޤަވާއިދު، ކައުންސިލްގެ މަޝްވަރާގެ މަތިން އިސްލާހުކޮށް އެގަވާއިދަށް އަމަލުކުރުމަށް ކައުންސިލަރުން އެއްބަސްވެފައިވާތީ އެގޮތުގެ މަތިން އަމަލުކުރުމަށް.