Dec 21st

އަތޮޅުކައުންސިލްގެ ފަރާތުން ވިލިނގިލީކައުންސިލާއި ބައްދަލުކުރައްވައިފި

ވިލިނގިލީކައުންސިލް މޮނިޓަރ ކުރުމަށްފަހު މޮނިޓަރިންގ ރިޕޯރޓްގައި ފާހަގަކުރެވުނު ކަންތައްތައް ވިލިނގިލީ ކައުންސިލާއި ހިއްސާކޮށް މަޝްވަރާ ކުރެއްވުމަށްޓަކައި 20 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އަތޮޅު ކައުންސިލުން ވިލިނގިލީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.

 މި ބައްދަލުވުމުގައި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ނިޔާޒް ނިޒާރު، ކައުންސިލަރ އަލްފާޟިލް މުޙަންމަދު ފާރޫޤު، ކައުންސިލަރ އަލްފާޟިލް ފަތުޙީ މޫސާ، ކައުންސިލަރ އަލްފާޟިލް ނަދީމް މުޙަންމަދު ، އަދި ޒިންމާދާރުވެރިޔާ އަލްފާޟިލާ ޝަޒްމާ މުޙަންމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

 

މި ބައްދަލުވުމުގައި ކައުންސިލް ގެ މޮނިޓަރިންގ ރިޕޯރޓްގައި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންތައް ހިއްސާކޮށް އެ ކަންތައްތަކާބެހޭ ގޮތުން ވާހަކަ ދެއްކެވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. މީގެ އިތުރުން އެ ރިޕޯރޓްގައި ރަނގަޅުކަމަށް ފާހަގަކުރެވުނު ކަންތައްތައް ކައުންސިލްގެ މޮނިޓަރިން ޓީމުން ހިއްސާކުރެއްވި އެވެ.

 އަތޮޅުކައުންސިލްގެ ފަރާތުން ހިއްސާކުރެއްވި މި މޮނިޓަރިންގ ރިޕޯރޓް ގައި އިސްލާޙުކުރުމަށް ފާހަގަކުރެވިފައިވާ ކަންތައްތައް އިސްލާހުކުރައްވާނެ ކަމަށް ވިލިނގިލީ ކައުންސިލުން ވިދާޅުވި އެވެ.

 މީގެ އިތުރުން މި ބައްދަލުވުމުގައި އަތޮޅުކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ދޭ އެއްގަމު ލައިސަންސް ޚިދްމަތާއިބެހޭ ގޮތުން މަޝްވަރާކޮށް، އެއްގަމު ލައިސަންސް ދުއްވުމުގެ ޓެސްޓް ދިނުމަށް ވަކިތަނެއް ކަނޑައަޅަން ޖެހިފައިވާކަމަށާއި، އެކަމަށް ވިލިނގިލީކައުންސިލްގެ ފަރާތުން އެހީތެރިކަންވެ ދެއްވުމަށް އަތޮޅުކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމްގެ އިތުރުން ކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މުޙަންމަދު ޚަލީލު، ކައުންސިލަރ އަލްފާޟިލް މުޙަންމަދު ސަވާދު، މޮނިޓަރުންގެ ޓީމުން ޒިންމާދާރުވެރިޔާ އަލްފާޟިލް މުޙަންމަދު ނަޞީރު ޢަލީ ، އ.ރިސާރޗް އޮފިސަރ އަލްފާޟިލް ޢަލީ އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.