May 01st

ގއ.ވިލިނގިލީގައި ޕޮލިޓެކްނިކް ގެ ކެމްޕަސް އެއް ރަސްމީކޮށް ހުޅުވައިފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް މި އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން 29 އޭޕްރީލް 2016 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ޕޮލިޓެކްނިކުގެ ވިލިނގިލީ ކެމްޕަސް ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

 

މި ކެމްޕަހަކީ ވިލިނގިލީ ކައުންސިލްގެ ފަރާތުން ކުއްޔާކާނުލައި 5 އަހަރު ދުވަހުގެމުއްދަތަށް ވިލިނގިލީ އިޖްތިމާއީ މަރްކަޒް ޕޮލިޓެކްނިކަށް ދޫކުރައްވައިގެން ކުރިއަށް ގެންދާ ކެމްޕަހެކެވެ. މިއީ އަތޮޅުތެރޭގައި ރަސްމީކޮށް ހުޅުނު 3 ވަނަ ކެމްޕަހެވެ.

މީގެ ކުރިންވެސް މި ތަނުގައި ޕޮލިޓެކްނިކުގެ ތަފާތު އެކިއެކި ކޯސްތައް ދަނީ ހިންގަމުންނެވެ.

 

މި ރަސްމިއްޔާތުގައި އެޑިޔކޭޝަން މިނިސްޓަރ ގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުންނާއި، ޕޮލިޓެކްނިކުގެ އިސްވެރިން ވިލިނގިލީ ދާއިރާގެ އެމް.ޕީ އަލްފާޟިލް ސައުދު ޙުސައިން، އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމް، ވިލިނގިލީގެ ސެކްޓަރތަކުގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ލެއްވި އެވެ.