Jun 04th

ތިންވަނަ އަތޮޅުކައުންސިލް ހުވާކުރުމާއި ރަށްރަށުގެ ކައުންސިލްތައް ހުވާކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން 6 މެއި 2017 ގައި ބޭއްވުނު ލޯކަލްކައުންސިލް އިންތިޚާބް ކާމިޔާބް ކުރެއްވި ފަރާތްތައް ހުވާކުރުން މުޅި ރާއްޖޭގައި 3 ޖޫން 2017 ގައި ވަނީ ބޭއްވިފައެވެ. މިގޮތުން މިއަތޮޅު ކޮލަމާފުށި ، މާމެންދޫ ، ގެމަނަފުށި ކައުންސިލް ހުވާކުރުން 3 ޖޫން 2017 ގެ މެންދުރު 1.00 ގައިބޭއްވުނު އިރު ވިލިނގިލި ، ނިލަންދޫ ، ދާންދޫ ، ދެއްވަދޫ ، ކޮނޑޭ ، ކަނޑުހުޅުދޫ ކައުންސިލް ހުވާކުރުން ބޭއްވިފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

ގއ. އަތޮޅުކައުންސިލް އަދި ގއ. ވިލިނގިލީ ކައުންސިލް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. 3 ޖޫން 2017 ވީ ހޮނިހިރު ދުވަހުގެރޭ 10.00 ގައި ޞަލަވާތުގެ ބަރަކާތުން ފެށުނު މިރަސްމިއްޔާތު ތައާރަފްކޮށް ދެއްވީ އަތޮޅުކައުންސިލްގެ ޑިރެކްޓަރ އަދި ޒިންމާދާރުވެރިޔާ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އެވެ. އެއަށްފަހު އެންމެ ފުރަތަމަ ހުވާކުރުން އޮތީ އަތޮޅުކައުންސިލަށް ވިލިނގިލި ދާއިރާއިން އިންތިޚާބްވި މެމްބަރ އަލްފާޟިލް އަޙްމަދު ފުއާދާއި ، ދާންދޫ ދާއިރާއިން އިންތިޚާބްވި މެމްބަރ ޙުސައިން އާދަމާއި ، ގެމަނަފުށި ދާއިރާއިން އިންތިޚާބްވި މެމްބަރ އަހްމަދު ނަޒްމީން ހުވާކުރެއްވުމެވެ. ހުވާ ލައިދެއްވީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަޒީމް ޙަސަން އެވެ. ހުވާކޮށް ނިމުމާއިއެކު ހުވާގެ އިގްރާރުގައި އަތޮޅުކައުންސިލް މެމްބަރުން ސޮއިކުރެއްވިއެވެ. އަތޮޅުކައުންސިލް މެމްބަރުން ހުވާކުރުމަށްފަހު ދެންއޮތީ ވިލިނގިލީ ކައުންސިލަށް އިންތިޚާބްވެ ވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމެވެ.

ގައުމީ ސަލާމުން ނިމުނު މިރަސްމިއްޔާތަށް ފަހުގައި 3 ވަނަ އަތޮޅުކައުންސިލްގެ  ފުރަތަމަ ޖަލްސާ 11.00 ގައި ބޭއްވިފައިވެއެވެ. މިޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް އަދި ނާއިބްރައީސް ހޮވުން އޮތެވެ.

މިޖަލްސާގެ ރިޔާސަތު ރައީސަކު ހޮވެންދެން ބަލަހައްޓަވާފައިވަނީ ޒިންމާދާރުވެރިޔާ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އެވެ. މި ބައްދަލުވުމުގައި 2 ވޯޓް 1 ވޯޓުގެ އަޣުލަބިއްޔަތުން އަތޮޅުކައުންސިލްގެ ރައީސްއަކަށް ހޮވިފައިވަނީ ވިލިނގިލި ދާއިރާގެ އަތޮޅުކައުންސިލް މެމްބަރ އަލްފާޟިލް އަޙްމަދު ފުއާދެވެ. ނާއިބްރައީސް އަކަށް ހޮވިފައިވަނީ ގެމަނަފުށި ދާއިރާގެ މެމްބަރ އަޙްމަދު ނަޒްމީން އެވެ. މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ވޭތުވެދިޔަ 3 އަހަރުގެ ދައުރުގައި 2 ވަނަ އަތޮޅުކައުންސިލުން ކުރެއްވި މަސައްކަތްތަކާއިބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ އިންތިގާލީ ކޮމިޓީގެ ރިޕޯޓް 3 ވަނަ ދައުރުގެ އަތޮޅުކައުންސިލާއި ހަވާލުކުރުން އޮތެވެ. މިގޮތުން މި ރިޕޯޓް 3 ވަނަ ދައުރުގެ އަތޮޅުކައުންސިލް ރައީސް އަހްމަދު ފުއާދާއި ޙަވާލުކުރެއްވީ 2 ވަނަ ދައުރުގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. ވިލިނގިލީ ކައުންސިލްގެ މިދައުރުގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީވެސް އަތޮޅުކައުންސިލް އިދާރާގައިކަން ފާހަގަކުރަމެވެ. ވިލިނގިލި ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވިފައިވަނީ މުސްޠަފާ މުޙައްމަދެވެ. ނާއިބްރައީސް އަކަށް ހޮވިފައިވަނީ މަޒީދު އަބްދުﷲ އެވެ. މިރަސްމިއްޔާތަށް ފަހުގައި މިރޭ ހުވާކުރެއްވި ކައުންސިލަރުންގެ ޝަރަފްގައި އަތޮޅުކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ތައްޔާރުކޮށްފައިވާ ތަރާވީހަކަށް އިންސާފްކުރުން އޮތެވެ. މިރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް ސައުދު ޙުސައިނާއި ގެމަނަފުށި ކައުންސިލްގެ މިދައުރުގެ ރައީސް އަދި ނާއިބްރައީސް އާއި ، ވިލިނގިލީ ކައުންސިލްގެ ކުރީގެ ރައީސް އަލްފާޟިލް ނިޔާޒް ނިޒާރާއި ، ކައުންސިލް މެމްބަރުންނާއި ، ސަރުކާރުގެ އިސްމަގާމްތައް ފުރުއްވި ވިލިނގިއްޔަށް ނިސްބަތްވާ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކުރަމެވެ.