Oct 01st

ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅަށް ވަޑައިގަތުން

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް 25 ސެޕްޓެމްބަރ 2017 ގައި ގއ. އަތޮޅަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސިންގަޕޯރގެ ކުންފުންޏަކުން ގއ. ކޫއްޑޫގައި ހަދާފައިވާ ސިޓީ ހޮޓާ  ”  މާކިޔޯ ކޫއްޑޫ މޯލްޑިވްސް ”  ހުޅުއްވައި ދެއްވުމަށާއި އަދި ކޫއްޑޫ އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް އަލުން ހުޅުވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނު ކޫއްޑޫއަށް ވަޑައިގެން އެންމެ ފުރަތަމަ އެއަރޕޯޓް ހުޅުއްވައި ދެއްވާ 25 ވަނަ ދުވަހުގެ ރޭ ސިޓީ ހޮޓާ ހުޅުއްވައި ދެއްވިއެވެ.

ސިޓީ ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު ގއ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން ގއ. ކޮލަމާފުށްޓާއި ، ވިލިނގިއްޔަށް 26 ސެޕްޓެމްބަރ 2017 ގައި ވަޑައިގެން އެރަށްރަށުގައި ބައްދަލުވުންތައް ބާއްވާފައިވެއެވެ. އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި ގއ. ވިލިނގިލީގައި އަޅުއްވައި ދެއްވި މަސްޖިދުލް އިޚްލާޞް ރައީސުލް ޖުމްހޫރިއްޔާ 26 ސެޕްޓެމްބަރ 2017 ވީ އަންގާރަ ދުވަހުގެ މަޢުރިބް ނަމާދު ވަގުތުގައި ހުޅުއްވައި ދެއްވިއެވެ.