Nov 20th

ގެމަނަފުށި، ކޮނޑޭ، ނިލަންދޫ ރަށުކައުންސިލް މޮނިޓަރ ކޮށް ނިމިއްޖެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ( ހ ) އާއި ( ށ ) އިން އަތޮޅު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ރަށްރަށުގެ ކައުންސިލްތައް މޮނިޓަރ ކުރުމަށް 4 ނޮވެމްބަރ 2017 ގައި ފެށި މަސައްކަތުގައި މިހާތަނަށް 6 ރަށެއްގެ ރަށުކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މިގޮތުން 16 ނޮވެމްބަރ 2017 އިން 19 ނޮވެމްބަރ 2017 ގެ ނިޔަލަށް ގެމަނަފުށި ، ކޮނޑޭ ، ނިލަންދޫ ކައުންސިލްގެ މޮނިޓަރ ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މީގެ ކުރިން މާމެންދޫ ، ދެއްވަދޫ ، ދާންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މޮނިޓަރިން ޓީމުގައި ހިމެނިވަޑައިގަންނަވަނީ ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީންގެ އިތުރުން ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަން އާއި އަލްފާޟިލް އަޙްމަދު ހަސަން ދީދީ އާއި އެސިސްޓެންޓް ލީގަލް އޮފިސަރ އަލްފާޟިލް އަބްދުލް ޙަމީދު ނާޞިރާއި ، އެސިސްޓެންޓް ރިސާޗް އޮފިސަރ އަލްފާޟިލް އަލީ އިބްރާހީމާއި ، އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޟިލް ޙަސަން ޙަނީފެވެ. ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ކުރެވެމުންދާ މަސައްކަތް މި ނޮވެމްބަރ މަހުގެ ނިޔަލަށް ނިންމަންވަނީ ހަމެޖެހިފައެވެ.