Dec 10th

ގދ. އަތޮޅު ކައުންސިލްގެ ޓީމެއް ގއ. އަތޮޅަށް ޒިޔާރަތްކުރުން

މިއަތޮޅުގެ ރަށްރަށުގައި ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ބެއްލެވުމަށާއި ، ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ރާވާ ހިންގާ ކަންތައްތަކުގައި ހުރި ގޮންޖެހުންތަކާއި އަދި މުޅި ހުވަދުއަތޮޅުގެ ކައުންސިލްތައް ގުޅިގެން ހިންގިދާނެ ޕޮރްގްރާމްތަކާއި އަދި ހުވަދުއަތޮޅު ދެއަތޮޅެއްގެ ގޮތުގައި ހެދި ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ގދ. އަތޮޅުކައުންސިލްގެ ޓީމެއް 6 ޑިސެމްބަރ 2017 ގައި މިއަތޮޅަށް ވަޑައިގެން 9 ޑިސެމްބަރ 2017 ގެ ނިޔަލަށް މިއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި ބައްދަލުކުރައްވައިފި.

ގދ. އަތޮޅުކައުންސިލްގެ ޓީމްގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ގދ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު ނާސިހް ރަޝީދު. އޭނާގެ އިތުރަށް އަތޮޅުކައުންސިލްގެ 3 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. މިއަތޮޅުގެ ރަށްރަށަށް މި ކުރެއްވި ދަތުރުފުޅުގައި ގއ. އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން އާއި ކައުންސިލަރ އަލްފާޟިލް ޙުސައިން އާދަމާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަން ބައިވެރިވެ ވަޑައިގެންނެވި.

ގދ. އަތޮޅުގެ ޓީމް ރަށްރަށަށް މި ކުރެއްވި ޒިޔާރަތުގައި ރަށުކައުންސިލްތަކުން މިޓީމަށް ބޮޑު ތަރުހީބެއް ދެއްވާ ފުރިހަމަ މެހްމާންދާރީއެއް އަރުވާފަވޭ . އަދި ކުރެވުނު މަޝްވަރާތަކުގައި އަތޮޅުލެވެލްގައި ދެމުންދާ ޚިދްމަތްތައް ފުޅާކޮށް އިތުރަށް ތަރައްގީކުރުމާއި އަދި އަތޮޅުން ލިބެން ނެތް ޚިދްމަތްތައް ގާއިމް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ވާހަކަ ދައްކަވާފައިވޭ.

މިއަތޮޅުގެ ރަށްރަށަށް މިކުރެއްވި ދަތުރުފުޅުގައި 8 ޑިސެމްބަރ 2017 ގައި ކޮނޑޭ އަށް ވަޑައިގެން ކޮނޑޭގައި އަތޮޅު ފެންވަރުގައި ބާއްވާ ފުޓްސެލް މުބާރާތް ހުޅުއްވާދެއްވާފައިވޭ