Jul 24th

ޖުމްހޫރިއްޔަތާއި ޒުވާނުން އަދި ޒިންމާދާރު މީޑިޔާ ގެ ނަމުގައި 2 މަސައްކަތު ބައްދަލުވުން ބާއްވައިފި

ސަރުކާރުގެ ސެކްޓަރ ތަކާއި ޚާއްޞަކޮށް ޒުވާނުންނަށާއި ދަރިވަރުންނަށް އަމާޒްކޮށްގެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން 20،21 ޖުލައި 2018 ގައި 2 މަސައްކަތު ބައްދަލުވުން  ގއ. ވިލިނގިލީ ގައި ބާއްވައިފިއެވެ. ޖުމްހޫރިއްޔަތާއި ޒުވާނުންގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން އޮތީ ގއ. އަތޮޅުތައުލީމީ މަރުކަޒުގައެވެ. ޒިންމާދާރު މީޑިޔާގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން އޮތީ ގއ. އަތޮޅުކައުންސިލްގެ އިދާރާގެ ޓްރެއިނިންގ ހޯލުގައެވެ.

މި ދެމަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ބައްދަލުވުންތައް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބްލް އަލްފާޟިލް އަޒްލީން އަޙްމަދެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ފާޠިމަތު ޝީރީން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒްގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙްމަދާއި ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަލީ ގެ އިތުރުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީ އާއި އެމިނިސްޓްރީގެ ސީނިއަރ މެނޭޖްމެންޓުގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވޭ  މިދެ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަކޮށް މި ފަދަ ޕޮރްގްރާމްތައް ހިންގަމުންދަނީ މުސްތަގްބަލުގައި ހަރުދަނާ ގައުމިއްޔަތުގެ ރޫޙް ހުރި ގާބިލް ޒުވާން ޖީލެއް އުފެއްދުމުގެ މަގްޞަދުގައި ކަމަށް ވިދާޅުވި. މި ދެ މަސައްކަތު ބައްދަލުވުމުގައި 136 މީހަކު ބައިވެރި ތަމްރީން ފުރިހަމަކޮށްފައިވެއެވެ. މި މަސައްކަތު ބައްދަލުވުންތަކުގައި ފެސިލިޓޭޓަރުންގެ ގޮތުގައި މައުލޫމާތު ދެއްވީ ކަމާއިބެހޭ ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

 

މި ދެމަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ 21 ޖުލައި 2018 ވީ ހޮނިހިރު ދުވަހުގެ ހަވީރު 5.00 ގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ. ސެޓްފިކެޓްތައް ބައްސަވައިދެއްވީ ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާއި ، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް އަލީ އާއި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް މުސްޠަފާ މުޙައްމަދާއި މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް ނަޒްލީން ނަޖީބެވެ.