Jan 09th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 70ވަނަ ބައްދަލުވުމުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ 03 ވަނަ އަތޮޅުކައުންސިލްގެ 70 ވަނަ ބައްދަލުވުން (މިއަހަރުގެ ފުރަތަމަ ބައްދަލުވުން) 08 ޖެނުއަރީ 2019 ވީ އަންގާރަ ދުވަހު 11:30 ގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމަށް އެޖެންޑާ ކުރެވި ނިންމެވި ކަންތައްތަކަކީ

 2019 ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ ބަޖެޓް ފާސްކުރުން

ނިންމެވި ގޮތް:     2019 ވަނަ އަހަރުގެ އަތޮޅު ކައުންސިލްގެ މުޅި ޖުމުލަ ބަޖެޓް -/7153175 ( ހަތްމިލިއަން އެއްލައްކަ ފަންސާސްތިންހާސް އެއްސަތޭކަ ހަތްދިހަ ފަސްރުފިޔާ) ރުފިޔާ މިއަހަރުގެ ބަޖެޓްގެ ގޮތުގައި ޚަރަދުކުރުމަށް ފެންނަކަމަށް ކައުންސިލަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

 މުވައްޒަފުންގެ އެވޯރޑް ތައާރަފްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:       އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މުވައްޒަފުންނަށް އެވޯރޑްދިނުމާއިބެހޭ އުސޫލެއް ހަދައި ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަށް ހުށަހަޅުއްވައި މުވައްޒަފުންނާއި އެވާހަކަ ރަސްމީކޮށް ޙިއްސާކުރައްވައި އަންނަ ފެބުރުއަރީ މަހުން ފެށިގެން އެވޯރޑް ތަޢާރަފްކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެންވެރިކަން ކުރާނެ ފަސޭހަ ސަރަޙައްދެއް ކަނޑައެޅުމާއިބެހޭގޮތުން ގއ.ދާންދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރުން

ނިންމެވި ގޮތް:       އެންވެރިކަން ކުރާނެ ސަރަހައްދެއް ކަނޑައެޅުމާއިބެހޭގޮތުން ގއ.ދާންދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމެވުމަށް މިނިސްޓްރީ އޮފް ފީޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ލަފައަކަށް އެދި ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަތޮޅުގޭގައި ފުލުހުންގެ ބޭފުޅުންނަށް އެއްވެސް ކުއްޔެއް ނުނަގައި އެކަމަޑޭޝަން ހަމަޖެއްސުމަށް އެދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:    ގއ.ވިލިނގިލީ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކަމަޑޭޝަންގެ ގޮތުގައި ހަމަޖައްސާފައިވާ އިމާރާތުގައި ހިގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އަތޮޅުގޭގައި ފުލުހުން ކުއްޔަށް ބޭތިއްބެވުމަށް އަތޮޅުކައުންސިލުން ކުރިން ނިންމާފައިވާ އަގު ބަދަލުކޮށް އަތޮޅުގެއަކީ ކައުންސިލަށް އާމްދަނީ ލިބޭނެ އެއް ވަސީލަތްކަމުގައިވާތީ، އެއްވެސް ކުއްޔެއް ނުނަގައި އެކަމަޑޭޝަން ހަމަޖައްސަވައިނުދެވޭނެތީ، ޚާއްސަ ޙާލަތާއިގުޅިގެން 3 މަސްދުވަހުގެ މުއްދަތަށް %50 ފުރީކޮށް އަތޮޅުގޭގައި ފުލުހުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް ކައުންސިލަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

 އަތޮޅުކައުންސިލްއިދާރާގެ މަގުފާރު ރޭނުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:     އަތޮޅުކައުންސިލްއިދާރާގެ މަގުފާރު ރޭނުމުގެ މަސައްކަތްކުރުމަށް ޙަވާލުކުރެވުނު ކަންކުރާ މޯލްޑިވުސް އިން މިހާތަނަށް އެއްވެސް މަސައްކަތެއް ފަށާފައިނުވާތީއާއި އަދި އެފަރާތާއި އެއްވެސް މުއާމަލާތެއް ކުރެވިފައިނުވާތީ އެމަސައްކަތްކުރުމަށް ޙަވާލުކުރެވުނު ފަރާތުގެ ބިޑު ބާތިލުކޮށް އަލުން އިއުލާންކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

2019ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ މަސައްކަތުގެ ތާވާލު ފައިނަލް ކުރުން

ނިންމެވި ގޮތް:     2019 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު އަލުން ރިވައިޒްކޮށް ދެންއޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

 އިދާރާއިން ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުން

ނިންމެވި ގޮތް:     އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 30871.30 (ތިރީސްހާސް އަށްސަތޭކަ ހަތްދިހަ އެއްރުފިޔާ/ ތިރީސްލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.