Feb 10th

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ހުވަދުއަތޮޅަށް ވަޑައިގެންފި

ނާއިބްރައީސް ފައިސަލް ނަސީމް ގދ. ކުރައްވާ ދަތުރުފުޅެއްގައި މިއަދު 16:00 ގައި މިއަތޮޅު ދާންދޫ އަށް ވަޑައިގެންނެވި އެވެ. ދާންދުއަށް ވަޑައިގެން ދާންދޫ ކައުންސިލް އާއި ބައްދަލުކުރެއްވި އެވެ. މި ރަސްމިއްޔާތު އޮތީ ދާންދޫ ކައުންސިލް އިދާރާގައެވެ.އެއަށް ފަހު މިއަދު 18:25 ގައި ވިލިނގިއްޔަށް ވަޑައިގެންނެވި އެވެ.

 

ނާއިބްރައީސްގެ މި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން،  އަތޮޅުތަޢުލީމީ މަރުކަޒަށް ވަޑައިގެން ތަޢުލީމީ މަރުކަޒްގެ އިސްވެރިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ސްކޫލުގެ މާހައުލަކީ އެކުވެރި މާހައުލަކަށް ހެދުމަށް ނަސޭޙަތްތެރިވެ ވަޑައިގެން ހުރިހާ އެންމެ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުވުމަށްފަހު އެ މަރުކަޒުގައި ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ނާއިބްރާއީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެއަށްފަހު އަތޮޅުހޮސްޕިޓަލަށް ވަޑައިގެން ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކޮށް ހޮސްޕިޓަލް ގެ ހާލަތު ބައްލަވާ ލެއްވި އެވެ.

އެއަށްފަހު ވިލިނގިލީ ކައުންސިލަށް ވަޑައިގެން ވިލިނގިލީ ކައުންސިލާއި ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންތައްތަކުގެ މަޢުލޫމާތު އަދި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ބައްލަވައި އެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާއި، ބަނދަރުގެ ހާލަތާއި، އެއަރޕޯރޓްގެ މުހިންމު ކަން ފާހަގަކޮށް އަދި ކަރަންޓްގެ ޚިދްމަތް ދިނުމުގައި ހުރިދަތިތައް ހިސާ ކޮށް މަޝްވަރާ ކުރެވުނެވެ. ނާއިބްރައީސް ގެ މި ބައްދަލުވުން ތަކުގައި  އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އާއި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނާއިބްރައީސްގެ މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ވިލިނގިލން ފުރާ ވަޑައިގެންނެވި ރޭގަނޑު 9:10 ގައެވެ.