Mar 03rd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 76ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ބައްދަލުވުން  20 ފެބްރުއަރީ 2019 ގައި އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ :-

76 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:              މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް އަތޮޅުކައުންސިލްގެ ރައީސް އަހުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު އެޖެންޑާއަށް އިސްލާހެއް ހުށަހަޅުއްވާފައިނުވާތީ، ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުމުގެ އެޖެންޑާ ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ރައީސުލް ޖުމުހޫރިއްޔާއަށް ކައުންސިލްގެ ފަރާތުން ދަންނަވަންޖެހޭ ކަންތައްތައް އެމަނިކުފާނަށް ދެންނެވުން

ރައީސް އަޙުމަދު ފުއާދު:

-          އަތޮޅުގެ އަމަން އަމާންކަން ޤާއިމުކުރަން ދަތިވާކަމަށާއި، ލާމަރުކަޒީ ޤާނޫނުގެ 2ވަނަ މާއްދާގައި ބުނާ ގޮތުން ރަށްރަށުގައި އަމާންވެއްޓެއް ޤާއިމުކުރުމަކީ ލާމަރުކަޒީ އުޞޫލުން ހިންގުމުގެ އެއްމަޤުޞަދުކަމަށާއި، މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަނޑިޔާރުން ކުށްކުރާ މީހުންނާއި ގުޅި، ފުލުހުންނަށް އެއްބާރުލުން ނުދިނުމެވެ.

-          ސުނާމީ ލޯންތައް މާފުނުވެ އޮތުމާއި ރައީސުލްޖުމްހޫރިއްޔާ ސުނާމީ ލޯންތައް މާފުކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް ލޯނުތައް މާފު ނުވާކަމަށް، ލޯނު ނަގާފައިވާ ބައެއް ފަރާތްތަކަށް ބޭންކުން އަންގަމުންދާކަމަށާއި، ސުނާމީ ލޯނު ނުދައްކައިގެން ބައެއް މީހުންގެ މައްޗަށް ޝަރީއަތް ހިނގަމުންދާކަން.

-          އަތޮޅުގެ ގިނަ ރިސޯޓްތަކާއި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ ފަޅުރަށްތަކެއް އެކެއްގެ ނުފޫޒުގެ ދަށުގައި އޮތުމުން އަތޮޅުގެ ބޮޑު ސަރަޙައްދެއްގެ އިޤްތިޞާދު ކޮންޓްރޯލް ކުރުމުގެ ބާރު އެފަރާތަށް ލިބި ރައްޔިތުންގެ މައްޗަށާއި ދައުލަތުގެ ބައެއް އިދާރާތަކުގެ މައްޗަށް އެފަރާތުގެ ނުހައްޤު ނުފޫޒު ފޯރަމުން ދިއުން

-          އަތޮޅުގެ މެދުތެރޭގައިހުރު ހުރިހާ ފަޅުރަށްތައް ފަތުވެރިކަމަށް ދޫކުރުމުން، އެންވެރިކަމާއި މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރުން

-

-          އަތޮޅުކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހަމަޖައްސަވައިދެއްވުން

-          އަތޮޅުކައުންސިލްގެ އިދާރާ އަލުން އިމާރާތްކޮށްދެއްވުން

-          އަތޮޅުގެ އެއަރޕޯޓް ބަނދަރު ހަދާފައިވާގޮތް އިންތިހާއަށް ދަތިވުމާއި ދަތުރުކުރާ ފަރާތްތަކަށް ލަފާ ފުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުން

-          ރައީސްގެ ކެމްޕޭން ޖަލްސާގެ ވައުދުވެވަޑައިގެންފައިވާ ކޮމާޝަލް ބަނދަރަކާއި، ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓަކާއި، އަދި ހުވަދުއަތޮޅުގައި ކޭނިންގ ފެކްޓަރީއެއްގެ ވާހަކަ ވިދާޅުވެފައިވާކަން.

-          މިއަތޮޅުގެ އެންވެރިކަމާއި މަސްވެރިކަމާއި ގުޅިފަހުންނަ ފަޅުރަށްތަކާއި، ފަރުތައް ރިޒޯޓް ތަރައްޤީކުރުމަށް ދެމުންގެންދާތީ އެކަމުގެ ސަބަބުން އަތޮޅުގެ މަސްވެރިކަމާއި ދަނޑުވެރިކަމަށް ނުހަނު ބޮޑު ގެއްލުންތަކެއްވެގެން ހިނގައިދާނެތީ ކައުންސިލުން އެކަމާ ކަންބޮޑުވާކަމަށް

ނާއިބު ރައީސް އަޙުމަދު ނަޒުމީން:  

-    ގެމަނަފުށީ އައިސްޕްލާންޓްގެ މަސައްކަތުގެ ޕްރޮސެސް އަވަސްކޮށްދިނުން

-          ގެމަނަފުށީ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުން

-          ގެމަނފުށީ ފަޅު ތިލަވުމުގެ ސަބަބުން މިހާރުހުރި ބައެއް ބޮޑު ދޯނިތައް ވަދެ ނުކުމު އުޅުމުގެ އުދަގޫތައް ހުރުމާއެކު އެކަންތައް ޙައްލުކޮށްދިނުން

-          ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާކަން

-          ހުރިހާ ރަށެއްގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކުގެ މަސައްކަތްތައް ހުއްޓި ދިގުލައިގެން ދިއުން

-          ދެއްވަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި، ކުށްވެރިން ގިނަ ރަށަކަށް ދެއްވަދޫ ވެފައިވާކަމަށާއި، ދެއްވަދޫއަށް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސައި ދެއްވުން

-          ކޮނޑޭގެ ކައުންސިލް އިދާރާއާއި  ކޮނޑޭ ފުޓުސަލްދަނޑުގެ މަސައްކަތް ހުއްޓިފައިވާކަން

-          ކަނޑުހުޅުދޫގެ ބަނދަރުގެ މަސައްކަތް ފެއްޓުމަށްޓަކައި ބޭނުންވާ ވެހިކަލްތައް ހުރިކަމަށާއި، ނަމަވެސް މިހާތަނަށް އެމަސައްކަތް ފެށިފައިނުވާކަން

-          ކަނޑުހުޅުދޫގައި ކުރިން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހިންގިފައި ނުވުން

-          މާވަރުލާ އެއަރޕޯޓް މަސައްކަތް ކުރިޔަށްދާގޮތް އެނގިފައިނުވާކަން

އަތޮޅުކައުންސިލަރ ޙުސައިން އާދަމް:

 ރައީސުލްޖުމުހޫރިއްޔާއަށް ޝުކުރު ދަންނަވާކަމަށާއި، މިއީކައުންސިލަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށް ވިދާޅުވިއެވެ.

-          މާމެންދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަމަށާއި، ކުރިއަށްއޮތްތާނގައި މާމެންދޫ ބަނދަރުގެ މައްސަލަ ޙައްލުކުރުން

-          މާމެންދޫ ބަނދަރު 2012ވަނަ އަހަރު ހުޅުވުނުއިރުވެސް ބަނދަރުގެ ބައްތި ޖެހިފައި ނެތުން

-          މާމެންދޫގެ ނަރުދަމާގެ މަސައްކަތު މިދިޔަ ރިޔާސީ އިންތިޚާބަށް އުޅެނިކޮށް އެމަސައްކަތަށް ބޭނުންވާ ހަމައެކަނި ހިލަ ސިމެންތި ގެނެވިފައިވާކަމަށާއި، އެޕްރޮގްރާމްވެސް ހުއްޓިފައިވާކަން

-          ދާންދޫގެ ބިން ހިއްކުމުގެ މަސައްކަތް

-          ބަނދަރު ހަދާއިރު ބަނދަރުގެ ހުރިހާ ތޮއްޓަކަށްވެސް ލެފޭގޮތް ހަދައިދިނުމާއި ބަނދަރުގެ މަސައްކަތް ހައްލުކޮށްދިނުން

-          2018 ވަނަ އަހަރު ޖޫން މަހުގައި ދާންދޫގައި ބޭންކް އޮފް މޯލްޑިވުސްގެ އޭޓީއެމް އެއް ބަހައްޓާނެ ބިމެއް ހޯދުމަށް އެދިފައިވާކަމަށާއި، ބިން ކަނޑާފަ ކުރެހުމާއި އެއްކޮށް ބެންކް އޮފް މޯލްޑިވުސްއާއި ޙަވާލުކޮށްފައިވާކަމަށާއި، ނަމަވެސް އެޕްރޮގްރާމް ހިނގާފައި ނުވާކަން

-          ނިލަންދޫގައި ބޭންކިންގ ޚިދުމަތާއި، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތާއި، ކުނިކޮށީގެ ޚިދުމަތް ޤާއިމުކޮށްދިނުން

-          ގއ. އަތޮޅުގައި ދަތުރުދެވޭނެ ސަރަޙައްދެއް ސަރުކާރުން ކަނޑައެޅުން

މުޙައްމަދު ނަޞީރު އަލީ (ޒިންމާދާރުވެރިޔާ): 

-          އަތޮޅުގެ މުވައްޒަފުންގެ ޝުޢުރަކީ އަދި ބޭނުމަކީވެސް ސަރުކާރާއި ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކަށީގެންވާ ގޮތެއްގަ ސަރުކާރުން ބޭނުންފުޅުވާ ގޮތަށް އެ ޚިދުމަތްތައް ފޯރާނެ ގޮތެއްގެ މަތިން ކުރިޔަށް ގެންދިއުމަށާއި، އެ އަޒުމުގައި ރައީސުލް ޖުމުހޫރިއްޔާއަށް ޔަޤީންކަން އަރުއްވާކަމަށެވެ.

-          މުވައްޒަފުން އެދެނީ ކުރިޔަށްވުރެ ފުޅާ ދައުރެއް އަދާކުރެވޭނެގޮތަކަށް ކައުންސިލްތައް ބާރުވެރިކުރެވި އޭގެތެރެއިން މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދިއުން ކަމަށެވެ.

-          ރައީސްގެ ވައުދުފުޅާއި ގުޅިފަ އޮތް މުވައްޒަފުންގެ މުސާރައާއި ކުރިއެރުން އަންނާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ރައީސުލް ޖުމުހޫރިއްޔާއަށް މަރުޙަބާ ދަންނަވާނެ ފުރުޞަތެއް ލިބުނީތީ އުފާކުރައްވާ ކަމަށާއި، މިއަދު އެންމެ ކުރީ ސަފުން ރައީސަށް މަރުޙަބާ ދެންނެވުމުގެ ފުރުޞަތު ލިބިގެންދިއުމަކީ ލިބުނު ޝަރަފެއް ކަމުގައެވެ.

އެޖެންޑާ އައިޓަމް:3

ކައުންސިލަރުންނަށް މުޚާތަބުކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ފުރުޞަތު އެރުވުން

 

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް:  

-          ވިދާޅުވީ، މިދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރެއްވުމުން އުފާފުޅުކުރައްވާކަމަށެވެ.

-          އަތޮޅުގެހުރި މުހިއްމު ކަންތައްތަކުގެ ވާހަކަ ތަކުގެ ތެރެއިން މިހާރުން މިހާރަށް ކުރެވޭނެ ކަނތައްތަކާއި، ވަގުތު ނަގާގެން ކުރެވޭނެ ކަންތައްތައް ކުރައްވާނެކަމަށެވެ.

-          ސުނާމީ ލޯނު މާފުކުރައްވާ ވާހަކަ ކެމްޕޭން ތެރޭގަ ދެއްކިފައިވާކަމަށާއި، އެކަން ނުވެ އޮތީ ކީއްވެގެންކަން ބާއްލަވާނެކަމަށެވެ.

-          ރިޒޯޓް ތަރައްޤީކުރުމަށް އަތޮޅުގައި ހުރި ގުދުރަތީ ގޮތުން މުއްސަނދި ފަޅު ރަށްތައް ދޫކުރުމާއި ބެހޭ ގޮތުން ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ހުރި ކަންތައްތައް ބައްލަވާފަ ޙައްލުކުރައްވާނެކަމަށެވެ.

-          ކައުންސިލަށް އާމްދަނީ ލިބުމަކީ އަތޮޅު ތަރައްޤީ ކުރުމަށް ވަރަށް މުޙިއްމުކަމެއްކަމަށާއި، ލާމަރުކަޒީ ޤާނޫނުގައި ބޮޑު އިސްލާހު ތަކެއް ގެންނަވާނެކަމަށާއި، އެ އިސްލާޙުތައް ގެންނަވާއިރު ކައުންސިލްތައް ބާރުވެރިކުރުމާއި މާލީ ފުއްދުންތެރިކަން ހޯދުމާއިބެހޭ ގޮތުން އިސްލާޙް ހުށަހެޅިފައިވާކަމަށެވެ. އެގޮތުން އަތޮޅަށް ލިބޭ އާމްދަނީގެ ބައެއް އަތޮޅުކައުންސިލަށް ލިބޭ ކަހަލަ ގޮތަކަށް ގެނެވިފައިވާ ކަމަށާއި، އޭރުން ކައުންސިލަށް އެ އާމްދަނީ ބޭނުންކުރެއްވުމުގެ ބާރުވެސް ލިބިގެންދާނެކަމަށެވެ.

-          ފިނޭންސް މިނިސްޓަރާއި ބައްދަލުކޮށް މިހާރުން މިހާރަށް ކުރެވެންހުރި ބައެއް ކަންތައްތައް ހިއްސާވެފަވާ ކަމަށާއި، ކޮންމެ އަހަރެއްގެ ބަޖެޓް ނިމޭއިރު، ބާކީ ހުންނަ ފައިސާ ޤާނޫނީ ގޮތުން ކޮންމެ ރަށެއްގެ ކައުންސިލަކަށް ޖަމާކުރަންޖެހޭ ފައިސާކަމުގައި މިނިސްޓަރުގެ އަރިހުގައި ދެންނެވިފައިވާކަމަށެވެ.

-          މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ބަޖެޓްގައި ހިމެނިފައިވާކަމަށައި، ދެންހުރި ކަންތައްތައް ކައުންސިލްތައް ބާރުވެރިކުރުވައިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.

-          ގެމަނަފުށީގެ އައިސްޕްލާންޓްގެ މަސައްކަތައް ބައްލަވާނެކަމަށެވެ.

-          އަދި މިހެންހުރި ހުރިހާ ކަންތައްތައްވެސް ކުރައްވާނެކަމަށާއި، ކަންކަމުގައި ދެފަރާތުން މަޝްވަރާކުރެއްވޭބެކަމަށާއި، އެއްވެސް ކަމެއް ހުއްޓިގެން ނުދާނެކަމަށެވެ.

-          ސިވިލް ސާރވިސްގެ މުސާރައާއި ކައުންސިލްތަކުގެ މުސާރައަށް ބަދަލު ގެންނަންޖެހޭ ކަމަށާއި، ފައިނޭންޝިއަލް ސިޓްއޭޝަންބަލައި ގޮތްތަކެއް ނިންމަވާނެކަމަށެވެ.

-          ކޮމާރޝަލް ބަނދަރާއި އިންޓަނޭޝަނަލް އެއަރޕޯޓްވެސް އެޅިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

-          އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއްވެސް ފެށިގެން ދިއުންކަމަށާއި، ހަތަރު އަހަރު ނިމޭއިރު މަސައްކަތްތައް ނިމިފައިވާނެކަމަށެވެ.

އެޖެންޑާއައިޓަމް:4

ރައީސުލް ޖުމުހޫރިއްޔާއަށް ޝުކުރު ދެންނެވުމާއި، ބައްދަލުވުން ނިންމުން

ނިންމެވިގޮތް:   ރައީސުލް ޖުމުހޫރިއްޔާ ވިލިނގިއްޔަށް ވަޑައިގެން އަތޮޅުކައުންސިލާއި ބައްދަލުކުރެއްވުމަކީ ލިބުނު ޝަރަފެއްކަމަށާއި، މިއަދު އެންމެ ކުރީ ސަފުން ރައީސަށް މަރުޙަބާ ދެންނެވުމުގެ ފުރުޞަތެއް ލިބުނީތީ އުފާކުރައްވާ ކަމަށާއި، އެހެންކަމުން އަތޮޅު ކައުންސިލަރުންނާއި މުވައްޒަފުންގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާއަށް ޝުކުރުދެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލް ރައީސް އަޙުމަދު ފުއާދު ، ނާއިބްރައީސް އަޙުމަދު ނަޒްމީން، ކައުންސިލަރ ޙުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.