Mar 06th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 78ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 78 ވަނަ  ބައްދަލުވުން 05 މާރޗް 2019 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައިވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

78 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:              މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން އަހުމަދު ފުއާދު ހުށަހެޅުއްވުމުން ނާއިބު ރައީސް އަޙުމަދު ނަޒްމީން ހުށަހެޅުއްވި ކައުންސިލްތަކުގެ ޕާފޯރމަންސް އިންޑެކުސްއިން ގއ.އަތޮޅުކައުންސިލް އެންމެ ދަށުދަރަޖައިގައި އޮތުމުން އެކަން ހިނގައިދިޔަ ގޮތް ބެއްލެވުމަށާއި، ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި އަތޮޅުކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ ރިޕޯޓް ކޮންމެ މަހެއްގެ ވަކި ތާރީޚެއްގައި ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުމަށާއި، ރައީސް އަހުމަދު ފުއާދު ހުށަހެޅުއްވި އަތޮޅުކައުންސިލްގެ ޤާނޫނީ ލަފާދެއްވާ ފަރާތުގެ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާތީ، އެގްރީމެންޓްގެ މުއްދަތު އިތުރުކުރުމާއިބެހޭ ގޮތުން ގޮތެއްނިންމެވުމަށާއި، މާލީ ޒިންމާދާރުވެރިޔާ ހުށަހެޅުއްވި ބަޖެޓް ރިވައިޒްކުރުމާއި، މާލީ އުސޫލާއެއްގޮތަށް އަމަލުކުރުން އެޖެންޑާއަށް އިތުރުކޮށް ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުމުގެ އެޖެންޑާ ފާސްކުރެވުނެވެ.

 ތިންވަނަ އަތޮޅުކައުންސިލްގެ 77 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމާއި، ތިންވަނަ އަތޮޅުކައުންސިލްގެ 05ވަނަ ކުއްލިބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:          ކައުންސިލްގެ 75،76ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއާއި 05ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް   ރިޔާސަތުން  ހުށަހެޅުމުން  އެއްވެސް  ކައުންސިލަރަކު ޔައުމިއްޔާއަށް  އިސްލާހެއް  ހުށަހަޅުއްވާފައިނުވާތީ، ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރެވުނެވެ.

މިއަތޮޅުގެ ރަށްރަށުގައި ރަމަޟާން މަހުގައި ހިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ހާފިޒުން ހޯދުން

ނިންމެވި ގޮތް:         މިއަތޮޅުގެ ރަށްރަށުގައި ރަމަޟާންމަހުގައި ހިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ހާފިޒުން ހޯދުމުގެ ކަންތައްތައް ސީދާ އަތޮޅުކައުންސިލުން ނުކޮށް ރަށުކައުންސިލްތަކުން ހާފިޒުން ގެންނައިރު ރަށުކައުންސިލްތަކަށް ކޮންމެވެސްކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެކަމަށާއި، އަދި ހާފިޒުން ގެންނަ އެހެނިހެން އަތޮޅުކައުންސިލްތަކުންނާއި، ރަށުކައުންސިލްތަކުން އެކަން ކުރަމުންދާގޮތްތައް ބަލައި، އެކަމަށް ހިނގާ ޚަރަދާއި އަދި އެހެނިހެން ކަންތައްތަކުގެ މައުލޫމާތު ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ގއ.އަތޮޅުކައުންސިލްގެ ސްޓާފް އޮފް ދަ މަންތު އަށް އިނާމް ކަނޑައެޅުމާއި ސްޓާފް ނައިޓް ބޭއްވުން

ނިންމެވި ގޮތް:            ގއ.އަތޮޅުކައުންސިލްގެ ސްޓާފް އޮފް ދަ މަންތަށް ހޮވޭ މުވައްޒަފަށް ސެޓްފިކެޓެއް ދިނުމަށާއި، ހޮވޭ މުވައްޒަފުގެ ފޮޓޯ ކައުންސިލްގެ ރަސްމީ ވެބްސައިޓާއި، ޓްވިޓަރ އަދި ފޭސްބުކުގައި ޝާއިއުކުރުމަށާއި، ސްޓާފް އޮފަ ދަ ނައިޓް 2019 މެއި 01 ވަނަ ދުވަހުގެ ރޭ ބެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމަވައި، ސްޓަފް އޮފް ދަ ނައިޓް ފާހަގަ ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއާއި ބައްދަލުކޮށް މަޝްވަރާކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ކައުންސިލަރުންގެ މާލެ ދަތުރަށް ޝެޑިއުލް އެއް ހެދުން

ނިންމެވި ގޮތް:            ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ރޭވިފައިވާ ގޮތުން، މަސައްކަތު ތާވަލުގައި ހިމެނިފައިވާ ކަންތައްތައް ކުރުމަށްޓަކައި ވީހާވެސް ގާތުން ސަރުކާރުގެ މުއައްސަސާތަކާއި، އަދި އެހެނިހެން އަމިއްލަ ތަންތަނާއި ބައްދަލުކުރައްވަންޖެހޭތީ، ކައުންސިލްގެ ކޮންމެވެސް އެއްބޭފުޅަކު މާލޭގައި މަޑުކުރައްވަންޖެހޭކަމަށާއި އެހެންކަމުން ކައުންސިލަރުންގެ މާލެދަތުރުގެ ޝެޑިއުލްއެއް ހެދުން މުހިއްމުކަމެއްކަމަށްފެންނާތީ، އެގޮތުން ކައުންސިލަރުންގެ މާލެދަތުރު ޝެޑިއުލްއެއް ހަދައި ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ކައުންސިލްތަކުގެ ޕާފޯރމަންސް އިންޑެކުސްއިން ގއ.އަތޮޅުކައުންސިލް އެންމެ ދަށުދަރަޖައިގައި އޮތުމުން އެކަން ހިނގައިދިޔަ ގޮތް ބެއްލެވުން

ނިންމެވި ގޮތް:            ކައުންސިލްތަކުގެ ޕާފޯރމަންސް އިންޑެކުސްއިން ގއ.އަތޮޅު ކައުންސިލް އެންމެ ދަށުދަރަޖައިގައި އޮންނަ ޖެހުނީ ކައުންސިލަށް މަސައްކަތް ނުކުރެވިގެން ނޫންކަމަށާއި، ޕާފޯރމަންސް އިންޑެކުސްގެ މަސައްކަތް ޙަވާލުކުރެވުނު މުވައްޒަފު އެކަން ރަނގަޅަށް ނުކުރެއްވުމުންކަމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ ލިޔުންތަކާއި ކިތާބީ ހެކިތައް ކަނޑައެޅިފައިވާ ތާރީޚަށް ނޮފޮނުވި ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން 2018ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ ޕާޕޯރމަންސް އިންޑެކުސް ރަނގަޅުކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔުންތަކާއި ކިތާބީ ހެކިތައް އެންމެ ފުރިހަމައަށް ފޮނުވުމަކީ ވަރަށްބޮޑަށް އެދެވޭ ކަމެއްކަމަށްވާތީ، ވިހާވެސް ފުރިހަމައަށް މިއަހަރުގެ އިންޑެކުސް ސީދާ ޒިންމާދާރުވެރިޔާގެ ބެލުމުގެދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަތޮޅުކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ ރިޕޯޓް ކޮންމެ މަހެއްގެ ވަކި ތާރީޚެއްގައި ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުން

ނިންމެވި ގޮތް:            އަތޮޅުކައުންސިލުން ކޮންމެ މަހެއްގެ 10ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ ރިޕޯޓް އެމަހެއްގެ ޖެހިގެން އަންނަ ކައުންސިލުގެ އާއްމު ބައްދަލުވުމަށް ހުށަހަޅުމަށާއި، އަތޮޅުގެ އާއި އަތޮޅު ލޯންޗަށް ލިބެންޖެހޭ ފައިސާއާއި ލިބުނު ފައިސާގެރިޕޯޓް  ކޮންމެ ހަފްތާއެއްގެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަތޮޅުކައުންސިލްގެ ޤާނޫނީ ލަފާދެއްވާ ފަރާތުގެ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާތީ، އެގްރީމެންޓްގެ މުއްދަތު އިތުރުކުރުމާއިބެހޭ ގޮތުން ގޮތެއް ނިންމެވުން

ނިންމެވި ގޮތް:          ކައުންސިލްއިދާރާގެ ލީގަލް އޮފިސަރގެ މަޤާމް އިޢުލާން ކުރަން ހަމަޖެހިފައިވާތީއާއެކު، އަތޮޅުކައުންސިލްގެ ޤާނޫނީ ލަފާދެއްވާ ފަރާތުގެ އެގްރީމެންޓްގެ މުއްދަތު 20 ފެބުރުއަރީ 2019 އަށް ހަމަވެފައިވީނަމަވެސް އެގްރީމެންޓްގެ މުއްދަތު އިތުރުނުކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ބަޖެޓް ރިވައިޒްކުރުމާއި، މާލީ އުސޫލް ކަނޑައެޅުން

ނިންމެވި ގޮތް:            އަތޮޅުކައުންސިލުން 2019 ވަނަ އަހަރަށް ފާސްކުރެވިފާ ބަޖެޓްގެ ދެ ކޯޑަށް ފައިސާ އިތުރުކޮށް ، މާލީ އުސޫލާއި އެއްގޮތަށް ކައުންސިލްގެ ޚަރަދުތައްކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އިދާރާއިން ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުން

 ނިންމެވި ގޮތް:         އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 41484.70 (ސާޅީސްއެއްހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ/ހަތްދިހަލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

މި ބައްދަލުވުމުގައި ކައުންިސލް ރައީސް އަޙުމަދު ފުއާދު، ނާއިބްރައީސް އަޙުމަދު ނަޒްމީން، ކައުންިސލަރ ޙުސައިންއާދަމް ބައިވެރިވެ ވަޑައިގެންނެވި އެވެ.