Mar 24th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 79ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ 03 ވަނަ އަތޮޅުކައުންސިލްގެ 79 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ ކޫއްޑޫ އެއަރޕޯރޓް ގައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

  އެޖެންޑާ އައިޓަމް:1

79 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:  މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން އަހުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު އެޖެންޑާއަށް އިސްލާހެއް ހުށަހަޅުއްވާފައިނުވާތީ ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުމުގެ އެޖެންޑާ ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:2

އަތޮޅުތެރޭގެ މިސްކިތްތަކުގެ ޙާލަތު ބަޔާންކޮށް އަދި މިސްކިތްތައް ބޭނުންވެފައިވާ ރަށްތައް އިސްކަންދޭ ތަރުތީބު ފާހަގަކޮށް އިސްލާމިކް މިނިސްޓްރީއަށް އެންގުން

 ނިންމެވި ގޮތް:  މިއަތޮޅުގެ ރަށްތަކުގެ ތެރެއިން އައުމިސްކިތް ބޭނުންވާ ރަށްތަކުގެ މައުލޫމާތާއި، ބޭނުންވާ ސަބަބު ތަރުތީބުކޮށް ލިސްޓްކުރެއްވުމަށްފަހު ތިރީގައި މިދަންނަވާގޮތަށް ނިންމެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 1-      ގއ.ގެމަނަފުށި ( ގެމަނަފުށީގައި ދިޔަދޫ މީހުން އަލަށް އާބާދުވެފައިވާ ސަރަޙައްދުގައި ހުރި މިސްކިތް ކުޑަވެ ނަމާދުކޮށް އުޅޭ މީހުންނަށް ދަތިވުމުގެ ސަބަބުން )

2-      ގއ. ވިލިނގިލި ( ގއ.އަތޮޅު ހޮސްޕިޓަލް ހުންނަ ސަރަޙައްދުގައި މިސްކިތެއް ނެތުމުގެ ސަބަބުން  ޑޮކްޓަރަށް ދައްކަން އަންނަ މީހުންނާއި، އެހީތެރިން ދުރު ހިސާބުގެ މިސްކިތްތަކަށް ދާން ޖެހޭތީއާއި، އަދި އެ ސަރަޙައްދުގައި އަލަށް އާބާދުވާ މީހުންނަށްވެސް މިސްކިތުގެ ބޭނުން ޖެހިފައިވާތީ )

3-      ގއ.ދާންދޫ ( ދާންދޫގައި އަލަށް އާބާދުވާ ސަރަޙައްދުގައި މިސްކިތެއް ނެތުމުން)

 އެޖެންޑާ އައިޓަމް:3

އެންޓަޕްރައިޒް ޑިޕާޓްމަންޓްގެ މެނޭޖަރ ޙަސަން މޫސާގެ އެގްރީމެންޓް އާކުރުން

 ނިންމެވި ގޮތް:   އެންޓަޕްރައިޒް ޑިޕާޓްމަންޓްގެ މެނޭޖަރ ޙަސަން މޫސާގެ ވޭތުވެދިޔަ އަހަރުގެ ޕާޕޯމަންސް އެޕްރައިޒަލް ހެދުމަށްފަހު ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ހުށަހަޅައި އެގްރީމެންޓް އާކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:4

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ނަންބަރު:221-CCS/2019/45  ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

 ނިންމެވި ގޮތް:            ލާމަރުކަޒީ ޤާނޫނުގެ 82ވަނަ މާއްދާ ބުނާގޮތުން ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ފައިސާއަކީ ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފައިސާ ކަމަށްވާތީ، މިއިދާރާއިން މުދަލާއި ޚިދުމަތް ހޯދާފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމުލަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާގޮތަށް ކަމަށްވާތީއާއި 2018 ވަނަ އަހަރުގެ ބަޖެޓުން އެއަހަރުގެ މިހާތަނަށް ދެއްކިފައިވާ ބިލްތަކަށް ހިނގާފައިވާ ޚަރަދު ކެނޑުމަށްފަހު ބާކީ ހުރި ފައިސާ ލިބުމުން އިތުރު އެއްވެސް ބިލަކަށް ފައިސާ ނުދެއްކި ނޯންނާނެ ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސިޓިގެ ޖަވާބުގައި ދެންނެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:5

ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11އަދި12 ގެ ދަރިވަރުން “ދަތުރުނާމާ” އަދި “މަކިޓާ” 12ވަނަ ޖޫނިއަރ އެތުލެޓިކުސް ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް ޏ.ފުވައްމުލަކަށްކުރާ ދަތުރަށް އެހީއަކަށް އެދިފައިވާތީ، އެކަމާބެހޭ ގޮތުން މަޝްވަރާކުރުން

 ނިންމެވި ގޮތް:            2019ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓްގައި ސުކޫލްތަކަށް އެހީވުމުގެ ގޮތުން ހިމަނާފައިވާ -/85000 ރުފިޔާގެ ތެރެއިން -/15000 އަށްވުރެ އިތުރުނުވާނެހެން ނެގިދާނެކަމަށާއި، އެގޮތުން މިއަތޮޅު ދާންދޫ ސުކޫލުގެ ދަރިވަރުންވެސް މަކިޓާގެ ބައިވެރިވާތީ، އެފަރާތުންވެސް ކައުންސިލުގައި އެހީއަކަށް އެދިފާނެތީ، އެ ދެރަށަށް އެ އަދަދު އެއްވަރަކަށް ބަހާލައިގެން ދިނުމަށް ނިންމެވިއެވެ. އެހެންކަމުން މިހާތަނަށް ކައުންސިލުގައި އެހީއަކަށް އެދިފައިވަނީ ގއ.އަތޮޅު ތައުލީމީ މަރުކަޒުން ކަމަށްވާތީ، އެމަރުކަޒުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން “ދަތުރުނާމާ” އަދި “މަކިޓާ” 12ވަނަ ޖޫނިއަރ އެތުލެޓިކުސް ޗެންޕިއަންޝިޕްގައި ބައިވެރުވުމަށް ޏ.ފުވައްމުލަކަށްކުރާ ދަތުރުގައި އެހީގެ ގޮތުގައި -/7500 (ހަތްހާސް ފަސްސަތޭކަ ރުފިޔާ) ދިނުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.