May 16th

ޓޫރިޒަމް މިނިސްޓަރ އޮނަރަބްލް އަލީ ވަޙީދު ވިލިނގިއްޔަށް ވަޑައިގެންފި

           ހުވަދުއަތޮޅުގައި ފުޅާދާއިރާއެއްގައި ހިނގަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ދިމާވާ ދަތިތަކާއި އަދި މި ސިނާއަތް ކުރިއެރުވުމަށް ކުރަންޖެހިފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ 2 ދުވަހުގެ ރަސްމީ ދަތުރު ފުޅުގައި 15 މެއި 2019 ގައި ވިލިނގިއްޔަށް ވަޑައިގެން އަތޮޅު ކައުންސިލާއި މިނިސްޓަރ އަލީ ވަހީދު ވަނީ ބައްދަލު ކުރައްވާފަ.

          ސްޓޭޓް ހައުސްގައި ބޭއްވުނު މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ހުރިހާ މެމްބަރުންނާއި އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ މެނޭޖްމެންޓުގެ ހުރިހާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ މަސައްކަތަށް އަތޮޅުގެ އެތެރެވަރީގެ އެންވެރިކަން ރަގަޅު އަދި އައިމަތީ ދޫނި ދިރިއުޅޭ ބައެއް ރަށްތައް ދޫކުރެވިފައިވާތީ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ސަބަބުން ގެއްލުންވެދާނެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެވިފައިވާތީ އެފަދަ ރަށްތަކުގައި ފަތުރުވެރިކަމުގެ މަސައްކަތް ނުކޮށް އެރަށްތައް ހިމާޔަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދެކެވިފައިވޭ. އަދި އަތޮޅުގެ ޒުވާނުންނަށް ރިސޯޓްތަކުން ވަޒީފާ ނުލިބޭ މައްސަލަ އާއި ، ރިސޯޓްތަކުގެ ސީއެސްއާރު ގެ ދަށުން ރަށްރަށަށް ހައްގު މިންވަރު ނުލިބޭ މައްސަލައާއި ވަކިން ޚާއްޞަ ކޮށް ރަށްރަށުގައި ހިންގޭ ޕޮރްގްރާމްތަކަށް އަތޮޅުގައި ހިންގާ ރިސޯޓްތަކުން އެހީތެރިކަން ނުލިބޭމައްސަލަ ފާހަގަ ކޮށް އެކަންކަމާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވޭ

         މި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ  އިއްޒަތްތެރި މެމްބަރ އަލްފާޟިލް ސައުދު ޙުސައިން ބައިވެރިވެ ވަޑައިގެންނެވި