Jul 18th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 97ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 97 ވަނަ ބައްދަލުވުން 16 ޖުލައި 2019 އަންގާރަ ދުވަހު ހެނދުނު 10:30

ވަނީ ބޭއްވިފައެވެ.  މި ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ.

އެޖެންޑާ އައިޓަމް:1

97 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިންއާދަމް ހުށަހެޅުއްވި، ސްޓާފް އޮފް ދަ މަންތް ހޮވުމާއި، ސްޓާފް ނައިޓް ބޭއްވުން ތަންފީޒުކުރުމާއި، މާލޭގައި ކައުންސިލުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓް ދޫކޮލުމާމެދު ގޮތެއް ނިންމުމާއި، ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވި “ކަންގަތި އެވޯރޑް” ހޯސްޓުކުރުމާބެހޭ ގޮތުން ގޮތެއް ނިންމުމާއި، އެސްޓިއޯގެ ބޯޑު މީޓިންގ ގެ ނިންމުން ކައުންސިލާއި ހިއްސާކުރުމާއި، މާލޭގައި ތިއްބެވި މިއިދާރާގެ 2 ސްޓާފުން ބަދަލުކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 96ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:           ތިންވަނަ އަތޮޅުކައުންސިލްގެ 96ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު ޔައުމިއްޔާތަކަށް އުނިއިތުރެއް ހުށަހަޅުއްވާފައިނުވާތީ، މިބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:3

މިއިދާރާގެ އައު ވެބްސައިޓާއި، ލޯގޯ އަދި ދިދަ ފައިނަލް ކުރުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           2019 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމެނޭ ބައެއް ޕްރޮގްރާމްތައް ކުރިޔަށް ނުގެންދެވި ހުރުމާއެކު، އިތުރު ޚަރަދެއްކުރުމަށް ނުފެންނާތީ، ލޯގޯއާއި ދިދަ ފައިނަލްކުރުން ފަސްކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި ކައުންސިލް އިދާރާގެ އައު ވެބްސައިޓް ހެދުމަށް އިއުލާންކުރުމުން -/35000 ރުފިޔާއަށްވުރެ ބޮޑު އަދަދަކަށް އަގު ހުށަހަޅާފައިވާތީ، އެއަށްވުރެ ކުޑަކޮށް 3 ފަރާތަކުން ކޯޓޭޝަން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށާއި،  ކޯޓޭޝަން ނުލިބިއްޖެނަމަ އަލުން އިއުލާން ކޮށްގެން ވެބްސައިޓް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު ޖަމްއިއްޔާއިން އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލްމުބާރާތަށް އެހީވުމާއިބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު ޖަމްއިއްޔާއިން އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލްމުބާރާތާއި، އަތޮޅު ފުޓުބޯޅަ މުބާރާތް އެއްމުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ފެންނަކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި، މިމުބާރާތުގައި އަތޮޅުގެ ގިނަ ރަށްރަށުން ޓީމްތައް ބައިވެރިކުރުމުގެ މަސައްކަތް ކައުންސިލުން ކުރުމަށާއި، އެގޮތުން ގިނަ ޓީމްތައް މުބާރާތަށް ޝައުޤުވެރިކުރުމުގެ ގޮތުން ބައިވެރިވާ ކޮންމެ ރަށަކަށް -/5000 (ފަސްހާސް ރުފިޔާ)ގެ އެލަވަންސެއް ދިނުމަށާއި، އަދި މުބާރާތުގައި އަތޮޅުގެ ގިނަ ރަށްތަކުން ޓީމްތައް ބައިވެރިވެއްޖެނަމަ ސްކައި ޖަމްއިއްޔާއަށް ސްޕޮންސަރގެ ގޮތުގައި -/10000 (ދިހަހާސް ރުފިޔާ) ދިނުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި މީގެ އިތުރުން ސްކައި ޖަމްއިއްޔާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލުގައިވާ ރެފްރީންގެ ދަތުރުފަތުރާއި އެއަރޓިކެޓް ސްޕޮންސަރ ކޮށްދެއްވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

ކަނޑު ލައިސަންސް ހަދާ ފަރާތްތަކަށް އެފަރާތުން އެދިއްޖެނަމަ ކާޑު ހެދުމާއި އަގެއް ކަނޑައެޅުން

ނިންމެވި ގޮތް:           ކަނޑު ލައިސަންސް ހަދާ ފަރާތްތަކަށް ފޮތް ދޫކުރުމުގެ އިތުރަށް އެފަރާތުން އެދިއްޖެނަމަ އޮޕްޝަނަލް ކާޑެއްގެ ގޮތުގައި ކަނޑު ލައިސަންސް ކާޑު ހެދުމަށާއި، ކާޑު ހެދުމުގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާ ކަމުގައި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ސްޓާފް އޮފް ދަ މަންތް ހޮވުމާއި، ސްޓާފް ނައިޓް ބޭއްވުން ތަންފީޒުކުރުން

ނިންމެވި ގޮތް:            މިއިދާރާގެ ސްޓާފް އޮފް ދަ މަންތް ހޮވުމާއި، ސްޓާފް ނައިޓް ބޭއްވުން ތަންފީޒުކުރުމަށް ކޮމިޓީއެއް ކަނޑައަޅައި ، ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ސްޓާފް އޮފް ދަ މަންތް ހޮވުމާއި، ސްޓާފް އޮފް ދަ ނައިޓް ބާއްވާނެ ތާރީޚެއް ކަނޑައަޅައި ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

                    މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ނާއިބު ރައީސް އަޙުމަދު ނަޒުމީން، ކައުންސިލަރ ޙުސައިން އާދަމް، ޑިރެކްޓަރ (ޒިންމާދާރުވެރިޔާ) މުޙައްމަދު ނަޞީރު އަލީ، އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަން ދީދީ އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން އެވެ. މިކޮމިޓީގެ އިންޗރޖްގެ ގޮތުގައި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން ކަނޑައެޅުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

މާލޭގައި ކައުންސިލުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓް ދޫކޮލުމާމެދު ގޮތެއް ނިންމުން

 

ނިންމެވި ގޮތް:            މާލޭގައި ކައުންސިލުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓްގެ އެގްރީމެންޓް ދިރާސާކުރުމަށްފަހު އެޕާޓްމަންޓާއިމެދު ގޮތެއް ނިންމެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:8

“ކަންގަތި އެވޯރޑް” ހޯސްޓުކުރުމާބެހޭ ގޮތުން ގޮތެއް ނިންމުން

 

ނިންމެވި ގޮތް:            “ކަންގަތި އެވޯރޑް” ހޯސްޓުކުރުމަށް އަތޮޅުގެ އެއްވެސް ކައުންސިލަކުން ޝައުޤުވެރިވޭތޯ ބަލައި، ޝައުޤުވެރިވާނަމަ ކައުންސިލުން ދަތުރުފަތުރު ހަމަޖައްސައިދެއްވާނެކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

އެސްޓިއޯގެ ބޯޑު މީޓިންގ ގެ ނިންމުން ކައުންސިލާއި ހިއްސާކުރުން

 

ނިންމެވި ގޮތް:            އެސްޓިއޯގެ ބޯޑު މީޓިންގ އިން އެސްޓިއޯ ވިލިނގިލި ފިހާރަ އަތޮޅުކައުންސިލާއި ޙަވާލުކުރުމަށް ނިންމާފައިވާކަމަށާއި، އެސްޓިއޯގެ ޓަރމްސް އެންޑް ކަންޑިޝަންސް 3 ދުވަހުގެ ތެރޭގައި ކައުންސިލަށް ފޮނުވާނޭކަމަށް ވިދާޅުވެފައިވާތީ، މިކައުންސިލުންވެސް އެސްޓިއޯ ވިލިނގިލީ ފިހާރައާއި ޙަވާލުވުމުގެ ކަންތައްތައް ގެންދަވާނެ ގޮތަކާއިބެހޭ ގޮތުން މަޝްވަރާކޮށް، އެކަން ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

މާލޭގައި ތިއްބެވި މިއިދާރާގެ 2 ސްޓާފުން ބަދަލުކުރުން

 ނިންމެވި ގޮތް:            މިއިދާރާގެ ލޯންޗްގެ މަރާމާތުގެ މަސައްކަތަށް މާލެ ފޮނުވާފައިތިބި 2 މުވައްޒަފުންކަމުގައިވާ ފަޅުވެރި މުޙައްމަދު އަސްލަމާއި، ފަޅުވެރި އިބްރާހިމް އައުސް އަޙުމަދު އަނބުރާ މިކޮޅަށް ގެނައުމަށާއި، މިއިދާރާގެ ފަޅުވެރި ޝާޙު ތައުފީގު ލޯންޗްގެ މަސައްކަތާއި ހަވާލުވުމަށް މާލެ ފޮނުވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:11

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 3,723/68 (ތިންހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ/ ފަސްދޮޅަށްއަށްލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.