Aug 05th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 98ވަނަ ބައްދަލުވުމުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންިސލްގެ 98 ވަނަ ބައްދަލުވުން  23 ޖުލައި 2019 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

އެޖެންޑާ އައިޓަމް:1

98 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހަޅުއްވައި އުތުރު ހުވަދޫ ޤުރުޢާން މުބާރާތުގެ ޤަވާއިދާއިބެހޭގޮތުން މަޝްވަރާކުރުމާއި، ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި މިނިވަންދުވަހުގެ ހަރަކާތްތަކުގައި ކައުންސިލަރުން ބައިވެރިވެޑައިގަތުމާއި ބެހޭގޮތުން ގޮތެއް ނިންމުމާއި، އިދާރާއިން ހުށަހެޅުއްވި، މިނިސްޓްރީ އޮފް ފިނޭންސްއާއި އެލްޖީއޭ އާއި ގުޅިގެން މާލިއްޔަތު ޤަވާއިދަށް އަޙުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމާއިބެހޭ ގޮތުން މަޝްވަރާކުރުމާއި އަދި އެކަމަށް ފޯކަލް ޕޮއިންޓެއް ކަނޑައެޅުމާއި، ސެމިނަރ އޮން ޕަބްލިކް މެނޭޖުމަންޓް ފޯރ އޮފިޝަލްސް ފްރޮމް މޯލްޑިވުސް ގައި އިދާރާގެ މުވައްޒަފުން ބައިވެރިކުރުމާމެދު ގޮތެއް ނިންމުމާއި، ގއ.ދާންދޫ ފިޔާތޮށިގޭ އަޙުމަދު ރަޝީދު މިއިދާރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ގޮތެއް ނިންމުން  އެޖެންޑާއަށް އިތުރުކުރުމަށްފަހު، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

އެއްގަމު ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާ ހަމަޖެއްސުން

ނިންމެވި ގޮތް:          އެއްގަމު ލައިސަންސް ޕްރެކްޓިކަލްހަދާ އެގްޒަމިންރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓާއި، އެގްރީމެންޓް ކައުންސިލުގެ ދެން އޮންނަ ބައްދަލުވުމަކަށް ހުށަހަޅައި މިކަމާމެދު ގޮތެއް ނިންމެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:3

އަތޮޅުކައުންސިލް އިދާރާގެ ޓްރޮފީ ހެދުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލް އިދާރާއިންދޭ ނަމޫނާއާއި އެއްގޮތަށް ޓްރޮފީތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

އަތޮޅުކައުންސިލް އިދާރާގެ ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ގަތުމާބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލް އިދާރާގެ ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ގަތުމާބެހޭ ގޮތުން 4ވަނަ ފަހަރަށް އިޢުލާން ކުރުމުން އެކަމަށްއެދި ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި ޒަލްދާން އޮއިލް ސަޕްލައިޒް އިން ކަމަށްވާތީ، ޒަލްދާން އޮއިލް ސަޕްލައިޒު އާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް އެގްރީމެންޓްކޮށް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ޕެޓްރޯލް ގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

އުތުރު ހުވަދޫ ޤުރުޢާން މުބާރާތުގެ ޤަވާއިދާއިބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           އުތުރު ހުވަދޫ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ ފަރާތްތަކަށް ދިނުމުގެ ގޮތުން މުބާރާތުގެ ޤަވާއިދުގެ 5ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ފަދައިން މުބާރާތުގެ ދެ ގޮފިން  އެކި އުމުރުފުރާތައް ހިމަނައިގެން 7 ބައިވެރިން ބައިވެރިކުރެވިދާނެކަމަށާއި، މުބާރާތުގެ ބައިވެރިންގެ ޓީމްލިސްޓްތައް އަލުން އިސްލާޙުކުރައްވަން ބޭނުންފުޅުވާ ކައުންސިލްތަކަށް އެފުރުޞަތު ދެއްވައި ޓީމްލިސްޓްތައް އިސްލާޙުކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

މިނިވަންދުވަހުގެ ހަރަކާތްތަކުގައި ކައުންސިލަރުން ބައިވެރިވެޑައިގަތުމާއި ބެހޭގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:            ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލު އިބްރާހިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަބަލުން އަލްފާޟިލާ ފަޒުނާ އަޙުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގެ ދައުވަތު އަތޮޅުކައުންސިލްގެ ރައީސަށާއި، ނާއިބު ރައީސަށް ލިބިފައިވާކަމަށާއި، އެހެންނަމަވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސާއި، ނާއިބުރައީސް އުޒުރުވެރިވެލައްވާތީ، އެބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

މިނިސްޓްރީ އޮފް ފިނޭންސްއާއި އެލްޖީއޭ އާއި ގުޅިގެން މާލިއްޔަތު ޤަވާއިދަށް އަޙުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމާއިބެހޭ ގޮތުން މަޝްވަރާކުރުމާއި އަދި އެކަމަށް ފޯކަލް ޕޮއިންޓެއް ކަނޑައެޅުން

ނިންމެވި ގޮތް:            މިނިސްޓްރީ އޮފް ފިނޭންސްއާއި އެލްޖީއޭ އާއި ގުޅިގެން މާލިއްޔަތު ޤަވާއިދަށް އަޙުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް މިއަތޮޅުގައި ބޭއްވުމަށް ފެންނަ ކަމަށާއި، އަދި އެ ޕްރޮގްރާމްގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި މިއިދާރާގެ ޑިރެކްޓަރ މުޙައްމަދު ނަޞީރު ޢަލީ ހަމަޖެއްސެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:8

ސެމިނަރ އޮން ޕަބްލިކް މެނޭޖުމަންޓް ފޯރ އޮފިޝަލްސް ފްރޮމް މޯލްޑިވުސް ގައި އިދާރާގެ މުވައްޒަފުން ބައިވެރިކުރުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:            ސިވިލް ސާރވިސް ކޮމިޝަނުން ފޮނުވާފައިވާ ޗައިނާގައި ބާއްވާ ސެމިނަރ އޮން ޕަބްލިކް މެނޭޖުމަންޓް ފޯރ އޮފިޝަލްސް ފްރޮމް މޯލްޑިވުސް ގައި މިއިދާރާގެ 1 މުވައްޒަފަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާތީ، އެ ސެމިނަރގައި މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަން ދީދީ ބައިވެރިކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

ގއ.ދާންދޫ ފިޔާތޮށިގޭ އަޙުމަދު ރަޝީދު މިއިދާރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   ގއ.ދާންދޫ ފިޔާތޮށިގޭ އަޙުމަދު ރަޝީދު އަށް މިއިދާރާގެ ލޯންޗް (ލިލީ) ކުއްޔަށްދީފައިވަނިކޮށް މިއިދާރާއަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކައި ހުރުމުން މިއިދާރާއިން އެމައްސަލަ ކޯޓަށްހަޅާފައިވަނިކޮށް ދައުވާ ލިބޭ ފަރާތް ކަމުގައިވާ ގއ.ދާންދޫ ފިޔާތޮށިގޭ އަޙުމަދު ރަޝީދު ކޯޓުން ބޭރުން އެމައްސަލަ ހައްލުކުރުމަށް މިއިދާރާގައި އެދިފައިވާތީ، އެކަން އެގޮތަށް ކުރުމަށާއި، އެފަރާތުން މިއިދާރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މުއްދަތެއްދީ ލިޔުމުން އެމައްސަލަ ޙައްލުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.