Aug 05th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 99ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 99 ވަނަ ބައްދަލުވު 30 ޖުލައި 2019 ވީ އަންގާރަ ދުވަހު  11:30 ގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ މިއަތޮޅު ގެމަނަފުށީގައި. މި ބައްދަލުވުމުން ނިންމި ކަންތައްތަކަކީ:-

 އެޖެންޑާ އައިޓަމް:1

99 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އެއްވެސް ކައުންސިލަރަކު އެޖެންޑާއަށް އިސްލާހެއް ހުށަހަޅުއްވާފައިނުވާތީ މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:2

މޯލްޑިވުސް އިސްލާމިކް ބޭންކްގެ ޝެއަރ ގަތުމާމެދު ގޮތެއް ނިންމުން

 ނިންމެވި ގޮތް:          މޯލްޑިވުސް އިސްލާމިކް ބޭންކްގެ ޙިއްސާ ވިއްކަމުންދާތީ، އެބޭންކްގެ ބްރާންޗެއް އަތޮޅަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން އަތޮޅުކައުންސިލްގެ ފަރާތުން އަތޮޅުގެ ރައްޔިތުންގެ ނަމުގައި 2000 ޙިއްސާ (-/35 ރުފިޔާގެ ރޭޓުން ޖުމުލަ 70,000 ރުފިޔާގެ) ގަތުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:3

ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުން އަތޮޅަށް ރީތި ނަން ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުން

ނިންމެވި ގޮތް:           ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުން އަތޮޅަށް ގޯލްޑް، ސިލްވަރ އަދި ބުރައުންޒް މެޑަލްހޯދާ ފަރާތްތަކަށް އަތޮޅުކައުންސިލުގެ ޓްރޮފީގެ އިތުރުން ގޯލްޑު މެޑަލަކަށް 10,000/- (ދިހަހާސް ރުފިޔާ)އާއި، ސިލްވަރ މެޑަލަކަށް 7,000/- (ހާތްހާސް ރުފިޔާ) އަދި ބްރައުންޒް މެޑަލަކަށް 5000/- (ފަސްހާސް ރުފިޔާ) އަތޮޅުކައުންސިލުން ބާއްވާ ޚާއްސަ ހަފުލާއެއްގައި ދިނުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ޓްރާންސްޕޯޓް އޮތޯރިޓީން ފޮނުވާފައިވާ ނަންބަރ 202-M/202/2019/8 ސިޓީ ކައުންސިލާއި ޙިއްސާކުރުން

ނިންމެވި ގޮތް:           ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގެ ދަށުން އަމަލުކުރުމާބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރިން ފޮނުވާފައިވާ ސިޓީ ރަށުކައުންސިލްތަކަށް ފޮނުވައި އެއަށް އަމަލުކުރުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

މާމެންދޫ ސުކޫލުގެ ނަންބަރ GS198/2019/L-68 ސިޓީން އެހީއަކަށް އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           މާމެންދޫ ސުކޫލުގެ ގްރޭޑް 4އިން ފެށިގެން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ 1 މަސްދުވަހުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ 4 ސިފައިންގެ ބޭފުޅުންގެ ތެރެއިން 1 ބޭފުޅެއްގެ ޚަރަދު އަތޮޅުކައުންސިލުން ސްޕޮންސަރކޮށްދެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ގދ.ތިނަދޫ ރޯމިޔޯ އޮޑީގަލަ އިންވެސްޓްމަންޓުން މިއަތޮޅު ކަހުފަރުން ވެލިނެގުމުގެ ހުއްދައަކަށް އެދިފައިވާތީ ގޮތެއް ނިންމުން

ނިންމެވި ގޮތް:           ގދ.ތިނަދޫ ރޯމިޔޯ އޮޑީގަލަ އިންވެސްޓްމަންޓުން މިއަތޮޅު ކަހުފަރުން ވެލިނެގުމުގެ ހުއްދައަކަށް އެދިފައިވާތީ، ރޯޔަލްޓީގެ ގޮތުގައި ކޮންމެ މަހަކު އަތޮޅުކައުންސިލަށް 35,000/- (ތިރީސްފަސްހާސް ރުފިޔާގެ ރޭޓުން) ފައިސާ ދެއްކުމަށާއި، އީޕީއޭގެ ޤަވާއިދުގެ ދަށުން 1 އަހަރު ދުވަހުގެ މުއްދަތަށް މިއަތޮޅުގެ ކަހުފަރުން ވެލިނެގުމުގެ ހުއްދަ ދިނުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:7

އަތޮޅުކައުންސިލްގެ އައު ވެބުސައިޓް ހެދުމަށް ލިބިފައިވާ ކޯޓޭޝަންތަކާއިބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:            އަތޮޅުކައުންސިލް އިދާރާގެ އައު ވެބްސައިޓް ހެދުމަށް ކޯޓޭޝަން ހުށަހަޅާފައިވަނީ :

-       އެމްވީ ބްރަދާސް އިންވެސްޓްމަންޓް (ހުށަހަޅާފައިވާ އަގު: 34,980/-)

-       ހޭޝް މޯލްޑިވުސް (ހުށަހަޅާފައިވާ އަގު: 30,273/60)

-       އާނިރު އިންވެސްޓްމަންޓް (ހުށަހަޅާފައިވާ އަގު: 29,900/-)

އަތޮޅުކައުންސިލް އިދާރާގެ އައު ވެބްސައިޓް ހެދުމަށް އަގު ހުށަހަޅާފައިވާ 3 ފަރާތުގެ ތެރެއިން 2 ވަނައަށް އަގު ހުށަހަޅާފައިވާ ފަރާތްކަމުގައިވާ ހޭޝް މޯލްޑިވުސްއާއި އަތޮޅުކައުންސިލްގެ އައު ވެބްސައިޓް ހެދުން ޙަވާލުކުރުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. މިހެން ނިންމެވީ، ކޯޓޭޝަން ހުށަހަޅާފައިވާ 3 ފަރާތުގެ ތެރެއިން އެންމެ ތަޖްރިބާހުރި ފަރާތަކީ ޙޭޝް މޯލްޑިވުސްއިން ކަމަށްވާތީއެވެ.

އެޖެންޑާ އައިޓަމް:8

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:   އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 44549/8 (ސާޅީސްހަތަރުހާސް ފަސްސަތޭކަ ސާޅީސްނުވަރުފިޔާ/އަށްލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.