Sep 02nd

ގއ. ދާންދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުވުން

ގއ. ދާންދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް 25 އޮގަސްޓް 2019 ދުވަހުގެ ހަވީރު 4.45 ގައި ރަސްމީ ކޮށް ހުޅުއްވައި ދެއްވައިފި. މި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ގއ. އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން. 2 ބުރި އަށް އިމާރާތް ކޮށްފައިވާ މި އިމާރާތަކީ ޕީއެސް އައިޕީ ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން އަޅުއްވައިދެއްވި އިމާރާތެއް. ދާންދޫ އުތުރުފަރާތު ހިއްކި ސަރަހައްދުގައި އިމާރާތްކުރެވިފައިވާ މި އިމާރާތަކީ ކުރިން އެރަށުގައި ބޭނުންކުރި އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދެއްވުމަށް ސަރުކާރުން ގާއިމްކޮށްދެއްވި އިމާރާތެއް.

އައު އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދާންދޫގެ ސެކްޓަރ ތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ނިލަންދޫ ކައުންސިލާއި ، ކޮނޑޭ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި. މީގެ އިތުރުން ވިލިނގިލި ކައުންސިލާއި ، މާމެންދޫ ކައުންސިލްގެ ކައުންސިލަރުންނާއި ، އަތޮޅުކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި . މިރަސްމިއްޔާތުގައި އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން ދެއްކެވި ވާހަކަފުޅުގައި މި އިމާރާތް ހުޅުވިގެން ދިއުމަކީ ދާންދޫކައުންސިލްގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބެންދާނެ ކަމެއްކަމަށާއި ، ޚިދްމަތް ދިނުމުގައި އިޚްލާޞްތެރިކަމާއި އިހްސާންތެރިކަން ބަހައްޓަވައިގެން ޚިދްމަތް ދިނުމުގެ ރޫޙްގައި ޚިދްމަތް ދިނުމަށް އެދިވަޑައިގެންނެވި.