Sep 26th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 104ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ104  ވަނަ ބައްދަލުވުން 11 ސެޕްޓެމްބަރ 2019 ވަނަ އަންގާރަ ދުވަހު 10:30 ގައި

ވަނީ ބޭއްވިފައި. މި ބައްދަލުވުން ބޭއްވުނީ ގއ. އަތޮޅުކައުންސިލް އިދާރާގެ ހޯލުގައި.

އެޖެންޑާއައިޓަމް:1

104 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:  މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ވިލިނގިލީގައި ފެށުމާބެހޭ ގޮތުން މަޝްވަރާކުރުމާއި، ޓޫރިޒަމް ފެއާރގައި ބައވެރިވެވަޑައިގަތުމަށް އަތޮޅުގެ ރަށްތަކަށް ދައުވަތު އެރުވުމަށް މިކައުންސިލުގައި ވިލިނގިލީ އަންހެނުންގެ ކޮމިޓީން އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މި ބައްދަލުވުމުގެ އެޖެންޑާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 100ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:   ތިންވަނަ އަތޮޅުކައުންސިލުގެ 100ވަނަ ބައްދަލުވުމަކީ ރައީސް އަޙުމަދު ފުއާދާއި، ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްކަމުން މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވަޑައިނުގަންވާތީ، ތިންވަނަ އަތޮޅުކައުންސިލްގެ 100ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރެވިފައިނުވެއެވެ.

އެޖެންޑާ އައިޓަމް:3

މިއަހަރުގެ މަސައްކަތުގެ ތާވަލުގައި ކުރިޔަށްހުރި ޕްރޮގްރާމްތައް ތަރުތީބުކުރުން

ނިންމެވި ގޮތް:   މިއަހަރުގެ މަސައްކަތުގެ ތާވަލުގައި ކުރިޔަށްހުރި ޕްރޮގްރާމްތަކުގެތެރެއަށް ދެކުނު މަހާސިންތާ އިތުރުކުރުމަށްފަހު ތިރީގައި މިދަންނަވާ ގޮތަށް މިއަހަރުގެ މަސައްކަތުގެ ތާވަލުގައި ކުރިޔަށްހުރި ޕްރޮގްރާމްތައް ތަރުތީބުކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

1-         ސުކޫލްތަކަށް އަތޮޅުއިނާމް ދިނުން

2-         ކައުންސިލަރުންގެ މާލެ ޒިޔާރާތް

3-         އަތޮޅު ވޮލީބޯޅަ މުބާރާތް

4-         ދެކުނު މަހާސިންތާ

5-         އަތޮޅުގޭގެ އާބާތުރު ފިލުވުން

އެޖެންޑާ އައިޓަމް:4

ސުލްތާން މުޙައްމަދު ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ  ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އަޙުމަދު ފުއާދު އަށް ދައުވަތު ދެއްވާފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   ސުލްތާން މުޙައްމަދު ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ  ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އަޙުމަދު ފުއާދަށް ދައުވަތު ދެއްވާފައިވާތީ ސުލްތާން މުޙައްމަދު ސުކޫލް އިނާމް ދިނުމުގެ ޖަލްސާގައި ރައީސް ރައީސް އަޙުމަދު ފުއާދު ބައިވެރިވެވަޑައިގަތުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

ގއ.އަތޮޅުތައުލީމީ މަރުކަޒުގެ އިނާމް ދިނުމުގެ ޖަލްސާ ސްޕޮންސަރކުރުމަށް ފުރުޞަތުދެއްވާފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމް ދިނުމުގެ ޖަލްސާ ސްޕޮންސަރ ކުރުމަށް ނުފެންނަކަމަށާއި، އެހެންނަމަވެސް އެމަރުކަޒުން އިނާމް ހުށަހަޅެމަށް އެދިފައިވާ ކެޓަގަރީތަކުގެ ތެރެއިން ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ ބެސްޓް އޯލް ރައުންޑަށް އަތޮޅުކައުންސިލުން އިނާމް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ޖަންގަލް ސްޕޯޓްސް ކުލަބްގެ އޮފީސް ވުމެންސް ފުޓުސަލް މުބާރާތަށް އެހީއެއް ވެދެއްވުމަށް މިކައުންސިލުގައި އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   މިއަހަރުގެ އަތޮޅުކައުންސިލުގެ ޕްރޮގްރާމް ބަޖެޓްގައި ކުލަބް ޖަމްއިއްޔާތަކުން އެދޭ މިކަހަލަ ކަންކަމަށް ފައިސާދެވޭނެ ކޯޑެއް ހިމެނިފައިނުވާތީ، ޖަންގަލް ސްޕޯޓްސް ކުލަބުން އެދިފައިވާ އެހީ ދެވެންނެތް ކަމުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި 2018 ވަނަ އަހަރު އެ ޖަމްއިއްޔާއިން ބޭއްވި އޮފީސް ވްމެންސް ފުޓުސަލް މުބާރާތަށް އެހީގެ ގޮތުގައި -/4000 ރުފިޔާ ދެއްވުމަށް އަތޮޅުކައުންސިލުގެ 46ވަނަ ބައްދަލުވުމުން ނިންމައި އެފައިސާ ޖަންގަލް ސްޕޯޓްސް ކުލަބާއި ޙަވާލުކުރެވިފައިވާކަމަށް އެޖަމްއިއްޔާއިން ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ދެންނެވުމަށްވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

ސްކައި އިން ފޮނުވާފައިވާ ސިޓީ ކައުންސިލާ ހިއްސާކުރުން

ނިންމެވި ގޮތް:   އަތޮޅުކައުންސިލާއި ކޮލަމާފުށީ ސްކައި ޖަމްއިއްޔާ ގުޅިގެން ބޭއްވި ޖަޒީރާ ކަޕް ފުޓުސަލް މުބާރާތުގެ ޚަރަދުތައް ޙިއްސާކުރުމަށް މިކައުންސިލުން އެދި އެ ޖަމްއިއްޔާއަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން، އެ ސިޓީގެ ޖަވާބުގައި ސްކައި ޖަމްއިއްޔާއިން މިކައުންސިލަށް ފޮނުވާފައިވާ ސިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންނާ ޙިއްސާކުރެއްވިއެވެ.

އެޖެންޑާ އައިޓަމް:8

ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2019ގައި މިއަތޮޅުގެ ސްޓޯލެއް ހެދުމަށާއި، އަދި މި ސްޓޯލުގައި ގިނަގުނަ ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމަށްޓަކައި މިކަމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކާއެކު،  ކުލަބު ޖަމްއިއްޔާތަކާއި، އަމިއްލަ ފަރުދުންނާއި، އަދި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތައް  ބައިވެރިކުރެވޭނެގޮތަށް މިމައުރަޒުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

އުތުރުހުވަދޫ ވޮލީ ބޯޅަ މުބާރާތް ބޭއްވުމާބެހޭ ގޮތުން މަޝްވަރާ ކުރުން

ނިންމެވި ގޮތް:   އުތުރުހުވަދޫ ވޮލީ ބޯޅަ މުބާރާތް 18 އޮކްޓޯބަރ 2019 ގައި ބޭއްވުމަށް އިޢުލާންކުރުމަށާއި، މުބާރާތް ހޯސްޓް ކުރާ ރަށް ކަނޑައެޅުމުގައި މާކްސްދެވޭނެ އުސޫލު  ރަށުކައުންސިލްތަކަށް ފޮނުވައި މުބާރާތާއި ގުޅުންހުރި އެހެނިހެން ކަންކަން ނިންމެވުމަށް މުބާރާތުގެ ޓީމާއެކު އެހެން ބައްދަލުވުމެއް ބޭއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

އެއްގަމު ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   އެއްގަމު ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒަމިނަރުންނަށް 2016 މާޗް އިން 2019 ޖުލައި އަށް ދޭންޖެހޭ ޖުމުލަ ފައިސާ   -/35370ރުފިޔާ ޓްރާންސްޕޯޓްގެ ޚިދުމަތުގެ ފީ އަށް ލިބިފައިވާ ފައިސާގެ ތެރެއިން ދެވިދާނެކަމަށާއި، އެގްޒާމިނަރުންގެ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާތީ ކުރިއަށް އޮތް 3މަސް ދުވަހުގެ ތެރޭގައި އަލުން އިއުލާނުކޮށް އެގްޒަމިނަރުންގެ އެގްރީމެންޓް އާކުރުމަށާއި، އެގްރީމެންޓް އާކުރެވެންދެން މިހާރުވެސް އެއްގަމް ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒާމިނަރުންނާއެކު އެއްގަމުގެ ލައިސަންސްގެ ޕްރެކްޓިކަލްގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:11

މުވައްޒަފުންގެ އޮގަސްޓްމަހުގެ އިތުރުގަޑީގެ ފައިސާދިނުމާބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:   އަތޮޅުކައުންސިލުގެ އާމްދަނީ އެކައުންޓުން މިއަހަރުގެ އޮގަސްޓް އިން ޑިސެމްބަރ މަހުގެ ނިޔަލަށް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެވަރެޖްކޮށް  -/200،000(ދެލައްކަރުފިޔާ)  ޚަރަދުކުރެވިދާނެކަމަށާއި، އެހެންނަމަވެސް އެފައިސާ ބޭނުންކުރަންވާނީ ފިނޭންސް މިނިސްޓްރީއަށް ދަންނަވައިގެން މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ނުލިބޭ ޙާލަތެއް މެދުވެރިވެގެންކަމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:12

ގެމަނަފުށީ ހިތަދޫގެ އަޙުމަދު ޝާފިއު ހުށަހަޅާފައިވާ ދައުވާގައި އަތޮޅުކައުންސިލުން ފޮނުވާނެ ފަރާތެއް ކަނޑައެޅުން

ނިންމެވި ގޮތް:   ގެމަނަފުށީ ހިތަދޫގެ އަޙުމަދު ޝާފިއު ހުށަހަޅާފައިވާ ދައުވާގައި ވަކާލާތުކުރުމަށް މިމައްސަލަ ވަކިގޮތަކަށް ނިމެންދެން ވަކީލަކު ހޯދުމަށާއި، އަދި މިމައްސަލާގައި އެޓަރނީ ޖެނެރަލްގެ ލަފާ ހޯއްދެވުމުގެ އިތުރުން މިމައްސަލަ ބައްލަވާ ކޯޓް ނުވަތަ ގާޛީ ބަދަލުކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި އެދިވަޑައިގަތުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:13

ސްޓޭޓް ގެސްޓް ހައުސްގެ މަރާމާތުތަކާބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:         ސްޓޭޓް ގެސްޓް ހައުސްގެ ކުރަންހުރި މަރާމާތުތައް ކުރުމަށް ފެނިވަޑައިގަންނަވާކަމަށާއި، އެހެންނަމަވެސް ފުލުހުން އެތާނގައި ބެއްތިއްބެވުމުގެ ސަބަބުން ގިނަ ގުނަ ގެއްލުންތަކެއް ލިބިފައިވާތީ، ހޯމް މިނިސްޓްރީއާއި ފުލުހުންނަށް ލިޔެގެން ސްޓޭޓް ގެސްޓް ހައުސް މަރާމާތު ކުރުމަށް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ހޯދުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:14

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ވިލިނގިލީގައި ފެށުމާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް މިއަދުން މިއަދަށް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:15

ޓޫރިޒަމް ފެއާރގައި ބައވެރިވެވަޑައިގަތުމަށް އަތޮޅުގެ ރަށްތަކަށް ދައުވަތު އެރުވުމަށް މިކައުންސިލުގައި އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   ޓޫރިޒަމް ފެއާރގައި ބައވެރިވެވަޑައިގަތުމަށް އަތޮޅުގެ ރަށްތަކަށް ދައުވަތު އެރުވުމަށް މިކައުންސިލުގައި ވިލިނގިލީ އަންހެނުންގެ ކޮމިޓީން އެދިފައިވާތީ، އެ ކޮމިޓީން އެދިވަޑައިގެންފައިވާގޮތަށް ރަށްރަށަށް ދައުވަތު އެރުވުމުގެ ކަންކަން ކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:16

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:   އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 24.249 (ސައުވީސްހާސް ދުވިސައްތަ ސާޅީސް ނުވަރުފިޔާ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.