Oct 02nd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 105ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 105 ވަނަ ބައްދަލުވުން 17 ސެޕްޓެމްބަރ 2019 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ

އެޖެންޑާ އައިޓަމް:1

105 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:  މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި، އިދާރާގެ މަސައްކަތްތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްގެ މުވައްޒަފުންނާވެސް ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުމާއި، ރިޔާޞަތު ރައީސް އަހުމަދު ފުއާދު ހުށަހެޅުއްވި، ޑީ.އެން.އާރު ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް އަތޮޅުގެ 7 ރަށަކަށް  އެ ޔުނިޓުން ކުރާ ޒިޔާރަތުގެ ކަނޑު ދަތުރުފަތުރު ހަމަޖެއްސެވުމަށް އެދިފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމާއި، ދެކުނު މަޙާސިންތާގެ ބަޖެޓް ފާސްކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މި ބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 101،103،104ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:   ތިންވަނަ އަތޮޅުކައުންސިލުގެ 101،103،104ވަނަ ބައްދަލުވުމުގެ ޔައުމިއްޔާތައް ފާސްކުރުމަށް ރިޔާޞަތުން އަޙުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު ޔައުމިއްޔާތަކަށް އުނިއިތުރެއް ހުށަހަޅުއްވާފައިނުވާތީ، މިބައްދަލުވުންތަކުގެ ޔައުމިއްޔާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:3

-          އީ.ޕީ.އޭ އިން ގއ.ވިލިނގިލީގައި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މީޒާންކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިކައުންސިލަށް ދެއްވާފައިވާ ދަޢުވަތާ ބެހޭގޮތުން ގޮތެއް ނިންމުން

-          އެލްޖީއޭ އިން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކުރުމުގެ ހަފްލާގައި ބައިވެރިވަޑައިގަތުމުގެ ދައުވަތު ކައުންސިލްގެ ރައީސާއި ނާއިބްރައީސަށް ދެއްވާފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   އީ.ޕީ.އޭ އިން ގއ.ވިލިނގިލީގައި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާކުރުމަށް 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ބާއްވާ މީޒާންކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިކައުންސިލަށް ދަޢުވަތު ދެއްވާފައިވާތީ، އެބައްދަލުވުމުގެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ބައިވެރިވެވަޑައިގަތުމަށާއި އަދި އެލްޖީއޭ އިން 19 ސެޕްޓެމްބަރ 2019 ވާ ބުރާސްދުވަހުގެ ރޭ ބާއްވާ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކުރުމުގެ ހަފްލާގައި ބައިވެރިވަޑައިގަތުމުގެ ދައުވަތު ކައުންސިލްގެ ރައީސާއި ނާއިބްރައީސަށް ދެއްވާފައިވާތީ އެ ހަފްލާގައިވެސް ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ބައިވެރިވެވަޑައިގަތުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

އެޑްވޮކެޓީންގ ދަ ރައިޓްސް އޮފް ޗިލްޑރަން (އާކް) އާ ޔުނިސެފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ “ރެސިލިއެންޓް އެންޑް ރިލެންޓްލަސް: ހަރ ސްޓޯރީ” މައުރަޒުގައި ބައިވެރިވުމާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   އެޑްވޮކެޓީންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ޔުނިސެފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ “ރެސިލިއެންޓް އެންޑް ރިލެންޓްލަސް: ހަރ ސްޓޯރީ” މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅަށް ހުޅުވާލުމުގެ ގޮތުން އާކް އިން ފޮނުވާފައިވާ އިޢުލާން ރަށުކައުންސިލްތަކަށް ފޮނުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމާބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ޗައިނާ- މޯލްޑިވިއަން ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް އިޢުލާންކޮށް، މަޒުމޫނު ލިޔުމުގެ މުބާރާތް 20 އޮކްޓޯބަރ 2019ވާ ކުހުރުދުވަހުގެ 14:30 ގައި ގއ.އަތޮޅުކައުންސިލް އިދާރާގެ ހޯލުގައި ބޭއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

އުތުރުހުވަދޫ ޤުރުޢާން މުބާރާތުގެ ރިޕޯޓް ޙިއްސާކުރުން

ނިންމެވި ގޮތް:   08 އޮގަސްޓް 2019 ގައި މިއަތޮޅު ނިލަންދޫގައި ބޭއްވި އުތުރުހުވަދޫ ޤުރުޢާން މުބާރާތުގެ ރިޕޯޓް ކައުންސިލާ ހިއްސާ ކުރެއްވިއެވެ. މިމުބާރާތަށް ޖުމުލަ   97625.33 (ނުވަދިހަ ހަތްހާސް ހަސަތޭކަ ފަންސަވީސް ރުފިޔާ / ތެތްތިރީސްލާރި) ޚަރަދުކުރެވިފައިވެއެވެ.

އެޖެންޑާ އައިޓަމް:7

ކައުންސިލް ވެބްސައިޓް އަޕްގްރޭޑްކުރުމާބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   އަތޮޅުކައުންސިލް އިދާރާގެ އައު ވެބްސައިޓް ލޭއައުޓް ޑްރާފްޓަށް ތިރީގައިމިވާ ބަދަލުތައް ގެނެސްކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

-                   ވެބްސައިޓްގައި ސޯޝަލްމީޑިއާ ލައިވް ކުރުން

-                   އެންމެ ފަހުގެ ޚަބަރުތައް ފެންނަން އިނުން

-                   އޮފީހުގެ މިޝަން އާ ވިޝަން އޮފީސް ފްރޮންޓް ޕޭޖުން އުނިކުރުން

އެޖެންޑާ އައިޓަމް:8

ގެމަނަފުށީ ސުކޫލްގެ އިނާމްދިނުމުގެ ޖަލްސާ ހޯސްޓްކުރުމާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ޡާނަވީ ތަޢުލީމުގެ ގއ.އަތޮޅު އިނާމަކީ ކޮންމެ އަހަރަކުވެސް ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގައި ގއ.އަތޮޅު ސުކޫލްތަކުން ބައިވެރިވެ ނޭޝަނަލް ޓޮޕްޓެން އެވޯޑް ހާސިލުކުރާ މިއަތޮޅުގެ އެންމެ މަތީ ތިންވަނަ (އެއީ އަތޮޅުން 1ވަނަ،2ވަނަ އަދި 3ވަނަ) ހޯދާ ދަރިވަރުންނަށް ގއ.އަތޮޅުކައުންސިލުން ދެމުންގެންދާ އިނާމެކެވެ. އެހެންކަމުން މިއިނާމް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ އެންމެ މަތީ ވަނަ ހޯދާ ދަރިވަރު ކިޔެވި ސުކޫލުގެ އިނާމްދިނުމުގެ ޖަލްސާގައިކަމަށްވުމުން މިއަހަރުގެ އެންމެ މަތީވަނަ ހޯދާފައިވަނީ ގެމަނަފުށީ ސުކޫލުގެ 2 ދަރިވަރެއްކަމުގައިވާތީ، މިއަހަރު ޡާނަވީ ތަޢުލީމުގެ ގއ.އަތޮޅު އިނާމް ދިނުމަށް ހަމަޖެހިފައިވަނީ އެ ސުކޫލުގެ އިނާމް ދިނުމުގެ ޖަލްސާގައެވެ. އެހެންކަމުން ގެމަނަފުށީ ސުކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ސްޕޮންސަރކުރުމުގެ ގޮތުން -/10000 ރުފިޔާ އެސުކޫލަށް ދިނުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި، ގއ.އަތޮޅުން ވަނަ ހޯދި ދަރިވަރުންނަށް 1 ދުވަހުގެ ފުޑް އެލަވަންސްގެ ގޮތުގައި -/200 ރުފިޔާ ދިނުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

ލީލީ ލޯންޗްގެ ޝެޑިއުލް ފަސްކުރުމާބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ލީލީ ލޯންޗް މަރާމާތުކުރެވެންއޮތީ ގަލްފްކުރާފްޓުން ލޯންޗް މަރާމާތު ކުރުމަށް ހިނގާ ޚަރަދުގެ ދެބައިކުޅައެއްބައި ފައިސާ ދައްކައިގެންކަމަށްވާތީ، އަހަރު ނިމުމަކާގާތްވެފައިވާތީ، ލިލީ ލޯންޗްގެ މަރާމާތްކުރުން ފަސްކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

ގއ.އަތޮޅުން ޒަރޫރީ  ބޭނުންތަކަށް ވެލި ނަގާ ސަރަޙައްދުތަކާބެހޭ ގޮތުން އީޕީއޭ އިން ފޮނުވާފައިވާ ނަންބަރ: 203-EIARES/241/2019/2 ސިޓީ ޙިއްސާކުރުން

ނިންމެވި ގޮތް:   އީޕީއޭއިން ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުދަކީ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ތަންތަންކަމަށާއި، އެހެން ނަމަވެސް ވިޔާފާރި އުސޫލުން ވެލި ނަގާ ފަރާތްތަކަށް މިއަތޮޅު ވިލިނގިއްޔާއި މާމުޓާއި ރާވެރިހާ ދޭތެރެއިން ވެލި ނެގުމަށް ކަނޑައެޅުމަށާއި، އެގޮތުން ވިޔާފާރި އުސޫލުން ވެލި ނެގޭނީ އަތޮޅުކައުންސިލުން ހުއްދަ ނަގައިގެން ރޯޔަލްޓީ ދެއްކުމަށްފަހުގައި ކަމުގައި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:11

ޕްރޮފެސަރ އުގައިލް މިއަތޮޅަށް ދަތުރެއްކުރެއްވުމަސް ހަމަޖެހިފައިވާތީ އެކަމާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ޕްރޮފެސަރ އުގައިލް މިއަތޮޅަށް ދަތުރެއްކުރެއްވުމަސް ހަމަޖެހިފައިވާތީ އެ ދަތުރުގައި އެބޭފުޅާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:12

ކައުންސިލަރުންގެ މާލޭ ޒިޔާރާތާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ރައީސުލް ޖުމްހޫރިއްޔާގެ އެޕޮއިންޓެއް ލިބޭނެ ދުވަހެއް ބަލައިގެން ކައުންސިލަރުންގެ މާލެ ޒިޔާރަތުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:13

ގއ.އަތޮޅުކައުންސިލުގެ ބޭނުމަށް ވަކީލަކު ހަމަޖެއްސުމަށް ހޯދާފައިވާ ކޯޓޭޝަންތަކާބެހޭގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:  ގއ.އަތޮޅުކައުންސިލްއިދާރާގެ މައްޗަށް، ގއ.ގެމަނަފުށީ ހިތަދޫގޭ އަޙުމަދު ޝާފިޢު ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ވަކީލަކު ހަމަޖެއްސުމަށްޓަކައި އަގު ހުށަހަޅާފައިވަނީ،  ނ.މިލަދޫ، ވީވަރު، އަބުދުއްޞައްތާރު މުޙައްމަދު (ހުށަހަޅާފައިވާ އަގު: -/34500) އާއި، އަބުދުﷲ އަބުދުލްޙަކީމް/ އަޒާންޕެލަސް (ހުށަޅާފައިވާ އަގު: -/36500) އާއި، މީނާޒް ލޯ ފާރމް (ހުށަހަޅާފައިވާ އަގު: -/35000) އެވެ. އެހެންކަމުން މިމައްސަލަ ނިމެންދެން މުވައްކިލުގެ ދިފާޢުގައި ޤާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރުމަށް، މިމައްސަލާގައި ވަކީލަކު ހަމަޖެއްސުމަށް ހޯދާފައިވާ 3 ކޯޓޭޝަންތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހަޅާފައިވާ ނ.މިލަދޫ، ވީވަރު، އަބުދުއްޞައްތާރު މުޙައްމަދުއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:14

އިދާރާގެ މަސައްކަތްތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްގެ މުވައްޒަފުންނާވެސް ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުން

ނިންމެވި ގޮތް:   އިދާރާގެ މަސައްކަތްތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްގެ މުވައްޒަފުންނާވެސް ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:15

ޑީ.އެން.އާރު ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް އަތޮޅުގެ 7 ރަށަކަށް  އެ ޔުނިޓުން ކުރާ ޒިޔާރަތުގެ ކަނޑު ދަތުރުފަތުރު ހަމަޖެއްސެވުމަށް އެދިފައިވާތީ، އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:   ޑީ.އެން.އާރު ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް އަތޮޅުގެ 7 ރަށަކަށް  އެ ޔުނިޓުން ކުރާ ޒިޔާރަތުގެ ކަނޑު ދަތުރުފަތުރު ހަމަޖެއްސެވުމަށް އެދިފައިވާތީ، ޑީ.އެން.އާރު ގެ ޓީމްގެ ކަނޑު ދަތުރުތައް ހަމަޖެއްސެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:16

ދެކުނު މަޙާސިންތާގެ ބަޖެޓް ހަމަޖެއްސުން

ނިންމެވި ގޮތް:   ދެކުނު މަޙާސިންތާގެ ބަޖެޓްގެ ގޮތުގައި -/150000 ( އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހަމަޖެއްސުމަށް ކައުންސިލުގެ ރައިސް އަހުމަދު ފުއާދު އާއި، ނާއިބް ރައިސް އަހުމަދު ނަޒްމީން އިއްތިފާގުވެވަޑައިގަތުމުން ދެކުނު މަޙާސިންތާގެ ބަޖެޓްގެ ގޮތުގައި -/150000 (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހަމަޖެއްސުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ