Oct 03rd

ގއ.އަތޮޅުގައި އަވަސް ފެރީގެ ޚިދްމަތް ފަށައިފި

ގއ. އަތޮޅުގައި އަވަސް ފެރީގެ ޚިދްމަތް ގއ. އަތޮޅުކައުންސިލުން 1 އޮކްޓޯބަރ 2019 ގައި ފައްޓަވައިފި.

މިއީ އަތޮޅުގެ ރައްޔިތުންނަށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުމުގައި މިހާރުކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އަތޮޅުކައުންސިލުން އިސްނަގައިގެން ފެއްޓެވި ޚިދްމަތެއް. ގއ. އަތޮޅުކައުންސިލްގައި މިހާރު ބޭނުންކުރަމުންދާ 22 މީހުންގެ ޖާގައިގެ 2 ލޯންޗް ” އޯކިޑް އަދި ލިލީ ލޯންޗް ” ބޭނުންކޮށްގެން ފެއްޓެވި ފެރީގެ ޚިދްމަތް ހަފްތާއަކު 3 ދުވަހު ބާއްވާގޮތަށް ކައުންސިލުން ވަނީ ނިންމަވާފަ. އަވަސްފެރީގެ ޚިދްމަތް ފެއްޓުމުގެ ގޮތުން ގއ. ވިލިނގިލީ މާވަށްދިހެރޭ ގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދްމަތް ރަސްމީގޮތުން ފައްޓަވައިދެއްވީ އަތޮޅުކައުންސިލްގެ ދާންދޫ ދާއިރާގެ ކައުންސިލަރގެ މަގާމް 2 ދައުރު ފުރިހަމަކުރައްވާފައިވާ އަދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ރީޖަނަލް މެނޭޖަރ އަލްފާޟިލް އިބްރާހީމް ޞާބިރު.

މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދު ދެއްކެވި ވާހަކަފުޅުގަ އެމްޓީސީސީން ހަފްތާއަކު 2 ދުވަހު ފެރީގެ ޚިދްމަތް ދެމުންގެންދިޔަ ނަމަވެސް ސްޕީޑް ލޯންޗްގައި ފަސޭހައިން އަތޮޅުގެ ރަށްރަށަށް ދަތުރުފަތުރުކުރެވޭނެގޮތެއް ހަމަޖެހިފައި ނެތުމުން ރައްޔިތުންނަށް ހެޔޮ އަގެއްގައި އަތޮޅުކައުންސިލުން މިޚިދްމަތް ދެމުންގެންދާނެ ކަމަށާއި މިޚިދްމަތުގެ ސަބަބުން ރަށްރަށުގެ އުފެއްދުންތައް މާކެޓްކުރެވި އިގްތިޞާދީ ގިނަ ކަންތައްތަކަށް މަގުފަހިވެ ކޮލެޖްތަކުން ކިޔަވާ ދަރިވަރުން ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަވެ ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވި. މިރަސްމިއްޔާތުގައި ވިލިނގިލި ސެކްޓަރ ތަކުގެ ވެރިންނާއި ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވި.