Jan 13th

އަތޮޅުން ޑޮކްޓަރީ ބޭސް ހުސްވެ ރައްޔިތުންގެ ޝަކުވާ އަތޮޅުކައުންސިލަށް ހުށަހެޅިއްޖެ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫން ފުރައިގެން ތިރީހަކަށް މޭލުގެ ކަނޑުދަތުރަކަށްފަހު، އަތޮޅު ހޮސްޕިޓަލަށް ބަލިމީހަކު އަންނަނީ، އެ ހޮސްޕިޓަލަށް އައުމުން އެ ބައްޔަކަށް އެކަށީގެންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް، ނަންބަރު ނަގައި ޑޮކްޓަރަށް ދެއްކުމަށްފަހު، ސިޓީ ހިފައިގެން ބޭސް ފިހާރައަށް ދިޔުމުން އެނގެނީ ބޭނުންވާ އެއްވެސް ބޭހެއް ލިބެން ނެތް ކަމެވެ. ބޭހާނުލައި ބަލި ފަސޭހަ ނުވާނެކަން އެނގޭތީއާއި، ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކުރި ދަތުރާއި އުފުލި ބުރަ އިޙްސާސްތައް ދެން ބަދަލުވަނީ ހިތްނުތަނަވަސް ކަމާއި ރުޅިވެރި ކަމަށެވެ.

ޙާލަތު މި ގޮތަށް ދިމާވުމުން، ރައްޔިތުންގެ ޝަކުވާތައް އަތޮޅުކައުންސިލަށް ހުށަހެޅެމުން ދާން ފަށައިފި އެވެ. ބޭސް ވިއްކުމަކީ އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިއަކަށް ވީ ނަމަވެސް ޞިއްޙީ ޚިދްމަތަކީ އަސާސީ ޚިދްމަތަކަށް ވުމާއެކު މިއީ ކިހިނެއް ވާ ކަމެއްތޯ އަތޮޅުކައުންސިލުން ބެއްލެވިއިރު، މި ކަމުގައި ބައެއް ފަރާތްތަކުން އިންތިހާއަށް އިހުމާލު ވެފައިވާ ކަން ފާހަގަ ކުރެވެ އެވެ.

ވިލިނގިލީގައި ބޭސް ވިއްކާ ބައެއް ފިހާރަތައް، ފާމަސިސްޓުން ޗުއްޓީއަށް ދިއުމުން ހުންނަނީ ބަންދު ކޮށްފަ އެވެ. ބައެއް ފިހާރަތަކަށް ބޭހެއް ނުގެނެވެ އެވެ. މަދަނައިގެ ޚިދްމަތުގެދަށުން ދޫކުރި ބޭހުގެ ބިލްތަކަށް ފައިސާ ނުލިބި ލަސްވަމުންދާ މައްސަލަ ވެސް ވަރަށް ބޮޑަށް ވަނީ ފާހަގަ ކުރެވިފަ އެވެ. މި ކަމާގުޅޭގޮތުން އަތޮޅުކައުންސިލުން ހޯއްދެވި މަޢުލޫމާތާއެކު، މި ކަން، އަތޮޅުކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެހުންނެވި ނާއިބްރައީސް މަސްޢޫދު އަޙްމަދު ވަނީ ސަން އޮންލައިންއާ ޙިއްސާ ކުރައްވައި 12 ޖަނަވަރީ 2012 ގައި މީޑިއާގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

މި ކަމަށް ޖަވާބުދާރީ ވުމުގެ ގޮތުން، އަތޮޅުހޮސްޕިޓަލް ހިންގެވުމާ ޙަވާލުވެހުންނެވި ފަރާތުން ވިދާޅުވެފައިވަނީ، ބޭސް ލިބުމުގެ ޚިދްމަތް ދާދި އަވަހަށް އަތޮޅު ހޮސްޕިޓަލުގައި ޤާއިމު ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.