Jan 16th

ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓް (ޕީ.ސީ.އެމް) ވޯކްޝޮޕް، ވިލިނގިލީގައި ފަށައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ ބައެއް ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރާތަކުގެ ބައެއް މުވައްޒަފުންނާ އެކު ޖުމްލަ 37 މީހުން ބައިވެރިކޮށްގެން، ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓް ވޯކްޝޮޕްގެ ނަމުގައި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން 3 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް، ފަށައިފި އެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ، އެ އޮތޯރިޓީގެ 4 ބޭފުޅެކެވެ.

14 ޖަނަވަރީ 2012 ވީ ހޮނިހިރު ދުވަހު މެންދުރު 2 ޖެހިއިރު ފެށި މި މަސައްކަތު ބައްދަލުވުމުގައި، ތަރައްޤީގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ރޭވުމަށްޓަކައި ރަށްރަށުގެ ޙާލަތު ދިރާސާކޮށް، އެ ދިރާސާތަކުގެ އަލީގައި، ޕްރޮގްރާމްތައް ކަނޑައަޅައި، އެ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮޖެކްޓްތައް ފާހަގަކޮށް، ޕްރޮޖެކްޓްތަކަށް އިސްކަންދޭނެ ތަރުތީބު ކަނޑައެޅުމާއި، އޭގެ ފަހުން އެ ޕްރޮޖެކްޓަކާބެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ ގުޅިގެން ޕްރޮޖެކްޓް ރާވާނޭ ގޮތުގެ ފަންނީ މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ބައިވެރިންނަށް ލިބިދިނުން ހިމެނެ އެވެ.

މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ކައުންސިލަރުންނަށާއި، ކައުންސިލްގެ އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ލިބިދެވޭނެ އެންމެ އެއް މުހިންމު ހުނަރަކީ، ރަށްރަށުގެ ޙާލަތު ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް، އެންމެ ޒަމާނީ އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ކަމަށް ބޭނުންވާނޭ އެންމެ ފުރިހަމަ މަޢުލޫމާތާއެކު ހުށަހަޅަން އެނގުން ކަމަށް، މި ވާރކްޝޮޕްގެ ބައިވެރިންގެ ފަރާތުން މަޢުލޫމާތު ލިބިފައި ވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ އިންތިޒާމުތައް ބަލަހައްޓަވަނީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި، އަތޮޅުކައުންސިލްގެ ބެއްލެވުމުގެދަށުން ވިލިނގިލީ ކައުންސިލްގެ އިދާރާއިންނެވެ. މި މަސައްކަތު ބައްދަލުވުމުގައި އިސްކޮށް މަޢުލޫމާތު ދެއްވަނީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްޢޫން އާދަމެވެ.