Jan 26th

ސިވިލްސަރވިސްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.

މި އަތޮޅުގައި ތިބި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށާއި، 01 ފެބްރުއަރީ 2012 ން 31 ޖަނަވަރީ 2013 އަށް މުވައްޒަފުން ކުރާނޭ މަސައްކަތްތަކާއި، ލަނޑުދަނޑިތައް ކަނޑައަޅައި ނިންމުމަށް ޤަސްދުކޮށް، ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އިސްވެ ތިއްބެވި ބޭފުޅުންނަށް އެކަމާބެހޭ މަޢުލޫމާތު އެރުވުމަށްޓަކައި މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްގެ ޒިންމާދާރުވެރިންނަށާއި، ރަށްރަށުގެ ސްކޫލް ތަކުން އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކާއި، ރަށްރަށުގެ ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަދުވެގެން އެއްމެމްބަރަކު ހިމެނޭ ގޮތަށް ބާއްވަވާ ބައްދަލުވުމެއް 26 ޖެނުއަރީ 2012 ގައި އަތޮޅުކައުންސިލް އިދާރާގައި ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި އަތޮޅުގެ ދާއިރާތަކުން ސިވިލްސަރވިސްގެ 41 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އަތޮޅުކައުންސިލަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ، ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ އެޓޮލް ޓްރޭނީންގެ ގޮތުގައި މި އަތޮޅުގައި ތިއްބަވާ ގއ. އަތޮޅުކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙަންމަދު ނަޞީރު ޢަލީ، ގއ. މާމެންދޫ ސްކޫލުގެ ޕްރިންސިޕަލް އާޒިމް ޢަބުދުﷲ އަދި ގއ. ގެމަނަފުށީ ސްކޫލުގެ ލީޑިން ޓީޗަރ އިސްމާޢީލް ސައުދުﷲ އެވެ.